ޚަބަރު

ކީވަށް ދިން މިސައިލް ޙަމަލާތަކެއްގައި ދެ ކުޑަކުދިން މަރުވެއްޖެ


ޔޫކްރެއިންގެ ވެރިރަށް ކީވަށް ރަޝިޔާއިން ދިން ވަރުގަދަ މިސައިލް ޙަމަލާތެއްގައި ކުޑަ ދެ ކުދިން މަރުވެއްޖެއެވެ. ކީވްގެ ޑެސްނިޔަންސްކީއާއި ނީޕްރޮވްސްކީއަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި އިތުރު ދެ މީހުން މަރުވިއެވެ. ކީވަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދޭ ޙަމަލާތައް ރަޝިޔާއިން ވަނީ ހުސްވި މޭ މަހުން ފެށިގެން އިތުރުކޮށްފައެވެ. މޭ މަހު 17 ފަހަރެއްގެ މަތިން ރަޝިޔާއިން ވަނީ ކީވަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

މިއީ، މި ހިނގާ ހަފުތާގެ ތެރޭގައި ރަޝިޔާއިން ކީވަށް ޙަމަލާދީފައިވާ ހަތަރު ވަނަ ފަހަރެވެ. ޑެސްނިޔަންސްކީއާއި ނީޕްރޮވްސްކީއަށް ދިން ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ވެސް ކީވްގެ އޮފިޝަލުން ވިދާޅުވެއެވެ. މި ޙަމަލާތަކުގައި މަރުވެފައި ވަނީ އުމުރުން 6 އަހަރުން ދަށުގެ ކުއްޖަކާއި، އުމުރުން 12 ނުވަތަ 13 އަހަރުގެ ކުއްޖަކު ކަމުގައި ކީވްގެ މޭޔަރު ވިޓާލީ ކްލިޓްޝްކޯ ވިދާޅުވިއެވެ.

މި ޙަމަލާތަކުގައި ގެއްލުން ލިބިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި ސަލާމަތް ކުރުމަށް ކީވްގެ އޮފިޝަލުން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ބައެއް ޢިމާރާތްތަކުގައި އަލިފާން ރޯވި ކަމަށާއި، 14 މީހަކު ޒަޚަމުވެފައިވާ ކަމުގައި ކްލިޓްޝްކޯ ވިދާޅުވިއެވެ. އޭގެ ތެރެއިން ނުވަ މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ކީވަށް ރަޝިޔާއިން ޙަމަލާދެމުންދާއިރު، ޔޫކްރެއިންގެ ފައުޖުތަކުން ވެސް ދަނީ ރަޝިޔާއިން އަތްގަދަކޮށްފައިވާ ސަރަޙައްދުތަކަށް ޙަމަލާދެމުންނެވެ. ރަޝިޔާއިން އަތްގަދަކޮށްފައިވާ ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަޙައްދުގެ ލުހާންސްކަށް ޔޫކްރެއިންގެ ސިފައިން ދިން ޙަމަލާތަކެއްގައި ފަސް މީހުން މަރުވި ކަމުގައި ރަޝިޔާއިން ބުނެއެވެ. މި ޙަމަލާތަކުގައި އިތުރު 19 މީހަކު ޒަޚަމުވި ކަމަށް ވެސް ރަޝިޔާއިން ރިޕޯޓުކުރެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ފަހަކަށް އައިސް ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ އީރާނުގައި އުފައްދާފައިވާ "ޝާހިދު" މަރުކާގެ ޑްރޯން ބޭނުންކޮށްގެން ދޭ ޙަމަލާތަކުގެ ޢަދަދު އިތުރުކޮށްފައެވެ. މީގެ އިތުރުން ރަޝިޔާއިން ދަނީ ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ވެސް ބޭނުން ކުރަމުންނެވެ.