ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ސާބިއާގެ ނޯވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ތިންވަނަ ބުރުން އަލްކަރާޒް ޖާގަހޯދީ ދެވަނަ ބުރުގައި ޖަޕާންގެ ޓާރޯ ޑެނިއެލްއާ ބައްދަލުކުރިމެޗް ތިން ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ ފުރަތަމަ ސެޓް އަލްކަރާޒް ފަސޭހަ ކަމާއެކު ހައެއް އެކަކުން ގެންދިއުމާއެކު މިމެޗް އޭނާ ފަސޭހަ ކަމާއެކު ގެންދާނެކަމަށް ހީވިނަމަވެސް، ޖެހިގެން އައި ދެވަނަ ސެޓްގައި ޓާރޯ ވަނީ ރަނގަޅު ކުޅުމެއް ދައްކާ ތިނެއް ހަޔަކުން އެ ސެޓް ކާމިޔާބުކޮށްފައެވެ. ނަމަވެސް މިމެޗްގައި ޓާރޯއަށް އަލްކަރާޒް ކައިރީ އިތުރަށް އޭނާގެ ހުނަރު ދެއްކޭގޮތެއް ނުވިއެވެ. މިގޮތުން ޖެހިގެން އައި ދެ ސެޓް ވަނީ ފަސޭހަކަމާއެކު ހައެއް އެކެއް އަދި ހައެއް ދޭކުން ކާމިޔާބުކޮށް މެޗް ނިންމާލާފައެވެ. މިމުބާރާތުގެ ތިންވަނަ ބުރުގައި އަލްކަރާޒް ބައްދަލުކުރާނީ ކެނެޑާގެ ޑެނިސް ޝަޕޮވަލޯވް އާއެވެ.
މީގެ އިތުރުން މިމުބާރާތުގެ ތިންވަނަ ބުރުން ތިންވަނައަށް ސީޑް ކުރެވިފައިވާ ސަރބިއާގެ ނޯވަކް ޖޮކޮވިޗް ޖާގަހޯދީ ދެވަނަ ބުރުގައި ހަންގޭރީގެ މާޓޮން ފުކްސޮވިޗާ ބައްދަލުކުރި މެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗް ސީދާ ތިން ސެޓުން ޖޮކޮވިޗް ކާމިޔާބުކުރި ނަމަވެސް ފުރަތަމަ ސެޓް އޭނާއަށް އެހާ ފަސޭހައެއް ނުވިއެވެ. މިގޮތުން މި ސެޓް ޓައި ބްރޭކަކަށް ގޮސް ޖޮކޮވިޗަށް ކުރި ހޯދުނޯ ހަތެއް ދޭކުންނެވެ. މިމެޗްގެ ފަހު ދެ ސެޓް ޖޮކޮވިޗް ގެންގޮސްފައިވަނީ ހައެއް ސުމެއް އަދި ހައެއް ތިނަކުންނެވެ. މިކާމިޔާބީއާއެކު މިމުބާރާތުގެ ތިންވަނަ ބުރުގައި ޖޯކޮވިޗް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސްޕެއިންގެ އަލެހަންޑްރޯ ޑެވިޑޮވިޗް ފޮކީނާ އާއެވެ.