ޚަބަރު

އައިޓީބީ ފެއަރގެ ގާލާ ނައިޓް ބާއްވާ ހޯލު ތައްޔާރު ކުރަނީ


ޖަރުމަނުވިލާތުގެ ބަރލިންގައި މިއަހަރު ބާއްވާ އައިޓީބީ ފެއަރގެ ގާލާ ނައިޓް ބާއްވާ ހޯލް މިހާރުދަނީ އެކަމަށް ތައްޔާރު ކުރަމުންނެވެ. ގާލާ ނައިޓްގައި މުޅި ހޯލުންވެސް ފެނިގެންދާނީ ރާއްޖޭގެ ރީތި މަންޒަރުތަކާއި ރާއްޖޭގެ ޘަޤާފަތް ސިފަވާ ޙަރަކާތްތަކެވެ.

އައިޓީބީ ފެއާރ މިއަހަރު އިންތިޒާމުކުރާ ޤައުމަަކީ ދިވެހިރާއްޖެއެވެ. އެހެންކަމުން މިއަހަރުގެ ފެއާރ އަކީ ރާއްޖެއަށް ވރަށް ޚާއްސަ ފެއާރއެކެވެ. މި ފެއާރ ފެށުމަށް ބާއްވާ ގާލާ ނައިޓުންވެސް މިކަން ފެނިގެންދާނެއެވެ. އެގޮތުން ގާލާ ނައިޓްގައި ފެނިގެންދާ ހަރަކާތްތަކުގެ ތެރެއިންވެސް ރައްޖޭގައި "ދޯނި" އުފެދިގެން އައިގޮތް ދައްކުވައިދޭ ހަރަކާތަކީ ފާހަކޮށްލެވޭ ހަރަކާތެކެވެ. މި މަންޒަރުތައް ފުރިހަމައަށް ދަކުވައި ދިނުމަށް ބާރލިންއަށް މިހާރުވަނީ ދޯންޏެއްވެސް ގެންގޮސްފައެވެ. އެމްއެމްޕީއާރްސީގެ ޑެޕިއުޓީ ޑިރެކްޓަރ ފާތިމަތު ރަހީލް ވިދާޅުވީ ދޯނީގެ ޙަރަކާތަކީ، ގާލާ ނައިޓްގައި ފެނިގެންދާނެ އެންމެ ތަފާތު އަދި ދިވެހިވަންތަ ޙަރަކާތް ކަމަށެވެ.

ދޯނީގެ މަންޒަރުތައް ފެނިގެންދާއިރު މުޅި ހޯލުން ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތައް ތްރީޑީކޮށް ފެނިގެންދާނެއެވެ. މި މަންޒަރުތައް ސިފަވާނެހެން ޑައިވްކުރާ މީހުންނާއި ކަނޑުއަޑީގެ މަންޒަރުތަކުން ގާލާ ނައިޓް ބާއްވާ ހޯލް ޒީނަތްތެރި ކުރެވޭނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއްވައެވެ. ގާލާ ނައިޓްގައި އައިޓީބީ ފެއާރގައި ބައިވެރިވާ ހުރިހާ ޤައުމަކުން މެހުމާނުން ބައިވެރިވާނެއެވެ.