ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިޔަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓު ލީގުގެ ނޯތު މާލޭ ޒޯނުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މުބާރާތް ބާއްވާ ވަން އެންޑް އޮންލީ ރީތިރަށާއި ޕަޓީނާ މޯލްޑިވްސް ވާދަކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ޕަޓީނާ ދަތުރުކުރީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ކުރުނބާ 4-1 އިން ބަލިކޮށްގެންނެވެ.
މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޕަޓީނާ އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ވަޖީހެވެ. ފުރަތަަމަ ލަނޑު ޖެހިތާ މިނެޓެއް ވެސް ނުވަނީސް އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. ކުރުނބާގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަޓީނާގެ ކެޕްޓަން އިބްރާހިމް އަފްލާހެވެ.
ޕަޓީނާ އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހުސެއިން ނިޔާޒެވެ. ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑާއެކު އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ކުރުނބާގެ އަލީ ހަމްމާދު ޖަހައިދިން ލަނޑާއެކު އެ ޓީމަށް ފަރަގު ކުޑަވިއެވެ. ނަމަވެސް އޭގެ ތިން މިނެޓުފަހުން ޕަޓީނާގެ ކެޕްޓަން އިބްރާހިމް އަފްލާހް ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މުބާރާތުގެ ސެމީފައިނަލަށް ރީތިރަށް ދަތުރުކުރީ ކުއާޓާގައި ފަސޭހަކަމާއެކު 4-0 އިން ސަންގެލި ބަލިކޮށްގެންނެވެ. ރީތިރަށުގެ ފުރަތަމަ ލަނޑު މެޗުގެ ކުރީކޮޅު މުހައްމަދު ނާފިއު ކާމިޔާބުކޮށްދިން އިރު އޭގެ ތިން މިނެޓުފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސަމްހާން އަބްދުއް ރަހުމާނެވެ. އަދި މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ނާހިދެވެ. ހަތަރުވަނަ ލަނޑު މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ނަބީލެވެ.
މި މެޗުތަކާއެކު މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބަނޑޮހާއި ފޯ ސީޒަންސް ކުޑަހުރާ އެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ރީތިރަށާއި ޕަޓީނާ އެވެ. މި ދެ މެޗުވެސް ކުޅޭނީ މާދަމާ ހަވީރެވެ.