މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ޝޯވއިން ނައްބަތު ވަކިވެއްޖެ


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، "މޯލްޑިވިއަން އައިޑަލް" ގާލާ ރައުންޑުގެ 3 ވަނަ ޝޯވއަށް ވާދަކުރާ 10 ބައިވެރިން މިރޭ އިޢުލާންކޮށްފިއެވެ. ގާލާ ރައުންޑުގެ ދެވަނަ ޝޯވ ރޭ ޓީ.ވީ.އެމުން ދައްކާފައިވާއިރު، ރޭ ޝޯވގައި 11 ބައިވެރިއަކު ވަނީ ލަވަ ހުށައަޅައިދީފައެވެ. ރޭގެ ޝޯވއިން ގާލާ ރައުންޑުގެ 3 ވަނަ ޝޯވއަށް ނުދެވި ވަކިވާން ޖެހުނު ބައިވެރިއަކީ ފާތުމަތު ނައްބަތެވެ. ރޭގެ ޝޯވގައި ބައިވެރިން ވަނީ 1980 ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި މަޝްޙޫރުވެގެން ދިޔަ ހިތްގައިމު ރީތި ލަވަތަކެއް ހުށައަޅާދީފައެވެ. މިރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންގޮސްފައިވާއިރު، މިރޭގެ ޝޯވގައި ހުށައެޅުންތަކަށް މާކްސް ދީފައެއް ނުވެއެވެ. ބެލުންތެރިންގެ ތަރުޙީބު ބޮޑު އަދި ބެލުންތެރިންގެ ވޯޓް، ބޮޑު ދައުރެއް އަދާކުރާ މި މުބާރާތުގެ ގާލާ ރައުންޑްގައި ވަނީ ބެލުންތެރިންނަށް ވޯޓްދެވޭ ވަގުތު އިތުރުކޮށްފައެވެ.

މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ. ގަދަ 10 ބައިވެރިންނާއެކު، މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 3 ވަނަ ޝޯވ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 22:30 ގައެވެ. އަދިި މިހާރު ތާވަލްކުރެވިފައިވާ ގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ވާދަކުރާ ބައިވެރިންނާއެކު މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހެވެ.