ކުޅިވަރު

ފަހު ބޯޅައިން ޓައިޓަންސް ބަލިކޮށް ޗެމްޕިއަންކަން ޗެންނާއިއަށް


ފަހު ބޯޅައިން ގުޖުރާތު ޓައިޓަންސް ބަލިކޮށް އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ޗެންނާއި ސުޕަ ކިންގްސްއިން ހޯދައިފިއެވެ.

ސުޕަރ ކިންގްސް މިމެޗް ކާމިޔާބުކުރީ ޑަކްވޯތު ލުއިސް މެތަޑުން ފަސް ވިކެޓުންނެވެ. އެހެމްދަބާދުގައި ރޭ ކުޅުނު ފައިނަލް މެޗް އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވީ މިދިޔަ އާދިއްތަ ދުވަހުގެ ރެއެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފައިނަލް މެޗް ރެއަށް ފަސް ކުރީއެވެ.

ރޭގެ މެޗްގައި ޓޮސް ދިމާވުމުން ސުޕަރ ކިންގްސްގެ ކެޕްޓަން މަހެންދުރަ ސިންގ ދޯނީ ނިންމީ އެންމެ ފުރަތަމަ ހޮވުމަށެވެ. އެއާއެކު ޓައިޓަންސް ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 214 ލަނޑު ހެދިއެވެ. މިއީ އައިޕީއެލް މުބާރާތެއްގެ ފައިނަލްގައި މިހާތަނަށް ޓީމަކުން ހެދި އެންމެ ގިނަ ލަނޑެވެ. މިމެޗްގައި ޓައިޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 96 ލަނޑު ހަދާދިން ސައި ސުދާސަންއެވެ. އަދި ވްރިދިމަން ސާހާ 54 ލަނޑު ހަދާދިން އިރު ޝުބްމަން ގިލް 39 ލަނޑު ހަދާދިނެވެ.

ޖަވާބުގައި ސުޕަރ ކިންގްސްއިން ކުޅެން އެރިތަނާ ވާރޭ ވެހެން ފެށުމުގެ ސަބަބުން ދެވަނަ އީނިންގްސްގެ ކުޅުން ފަސް ވެގެންދިޔައެވެ. އަދި އެންމެ ފަހުން ވާރޭ ހުއްޓާލުމުން ހުރިހާ ފަރާތްތަކުން މަޝްވަރާ ކުރުމަށްފަހު ނިންމީ 15 އޯވަރުގެ އިނިންގްސްއަކަށް ބަދަލުކުރާށެވެ. އަދި މޮޅުވުމަށް ބޭނުންވާ ޓާގެޓް 171 އަކަށް ބަދަލު ކުރެވިގެންދިޔައެވެ.

އެއާއެކު ސުޕަރ ކިންގްސްއަށް ކުޅެން ފެށޭވަރުވީ ގާތް ގަޑަކަށް ތިން ގަޑިއިރެއްހާ ފަހުންނެވެ. އެޓީމުން ކުޅެން އަރައި 15 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 171 ލަނޑު ހަދާ އައިޕީއެލްގެ ތަށި ފަސްވަނަ ފަހަރަށް ކާމިޔާބުކުރިއެވެ. ސުޕަރ ކިންގްސްއަށް އެންމެ ގިނަ ލަނޑު ހަދާދިނީ 47 ލަނޑު ހަދާދިން ޑެވަން ކޮންވޭއެވެ. އަދި ޝިވަމް ޑޫބޭ ވަނީ 32 ލަނޑު ހަދާދީފައެވެ.

މިމެޗްގައި ޗެންނާއި މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ލަނޑުތައް ހަދާދީފައިވަނީ ފަހު އޯވަރުގައި ރަވިންދްރަ ޖަޑޭޖާއެވެ. އޭނާވަނީ ފަހު ދެބޯޅައިން 10 ލަނޑު ހަދާދީފައެވެ. މިގޮތުން އެއް ބޯޅަ ހަޔަކަށް ޖެހިއިރު، ފަހު ބޯޅަ ވަނީ ހަތަރަކަށް ޖަހައި މެޗް ކާމިޔާބުކޮށްދީފައެވެ.

މިކާމިޔާބީއާއެކު ޗެންނާއި ސުޕަރ ކިންގްސް މިވަނީ މުންބާއި އިންޑިއަންސްގެ ރިކޯޑާވެސް ހަމަކޮށްފައެވެ.