ކުޅިވަރު

13 އަހަރަށްފަހު އެސްޓަން ވިލާއަށް ޔޫރަޕުގައި ކުޅުމުގެ ފުރުސަތު


13 އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫރަޕްގެ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު އެސްޓަންވިލާއަށް ލިބިއްޖެއެވެ.

ވިލާއަށް މިފުރުސަތު ލިބިގެންދިޔައީ އިނގިރޭސި ޕްރިމިއަރ ލީގުގައި މިސީޒަންގައި ކުޅުނު ފަހު މެޗްގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބަލިކުރުމުންނެވެ.

ވިލާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކޮށްފައިވަނ 2 ލަނޑު އެއްލަނޑުންނެވެ. ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުން ޖާގައެއް ހޯދާނަމަ މިމެޗުން ކޮންމެހެން ވިލާއަށް އޮތީ މަޖްބޫރުވެފައެވެ. މިކާމިޔާބީއާއެކު ވިލާއަށް ޔޫރަޕުން ޖާގަ ލިބިގެންދިޔައީ ތާވަލްގެ ހަތްވަނަ މަގާމް ހޯދުމުންނެވެ.

ރޭގެ މެޗްގައި ވިލާއިން މެޗް ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން ވިލާއިން ވަނީ މެޗްގެ 8 ވަނަ މިނެޓްގައި މެޗްެގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މިސީޒަންގައި އެކްލަބްގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޑަގްލަސް ލުއިޒްއެވެ. މިލަނޑު ޖެހުމުގެ ކުރިން ލިއޮން ބެއިލީ ފޮނުވާލި ހަމަލާއެއް ވަނީ ބްރައިޓަން ގޯލްގެ ހުރަސް ދަނޑިއަށްވެސް އަމާޒުވެފައެވެ. އަދި މެޗްގެ 26 ވަނަ މިނެޓްގައި އޮލީ ވޮޓްކިންސްވަނީ ވިލާގެ ޅީޑު ފުޅާކޮށްދީފައެވެ.

މިއީ މިސީޒަންގައި ވޮޓްކިންސް ލީގުގައި ކާމިޔާބުކުރި 15 ވަނަ ލަނޑެވެ. މިމެޗްގައި ބްރައިޓަންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ ޑެނިޒް އުންޑާވްއެވެ. މިލަނޑު އެސިސްޓަންޓް ރެފްރީ އޮފް ސައިޑް ކަމަށް ދެއްކިނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ އެއީ އޮފްސައިޑެއް ނޫންކަމަށް ނިންމާ ލަނޑު ބަލައިގެންފައެވެ. މިމެޗްގެ ދެވަނަ ހާފްގައި ބްރައިޓަންއިން އެޓީމްގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ވިލާއިން ވަނީ ނަތީޖާއަށް އިތުރު ބަދަލެއް އަޔަނުދީ މެޗް ނިމެންދެން ހިފަހައްޓާލާފައެވެ.

މި ކާމިޔާބީއާއެކު ވިލާއަށް ވަނީ ކުޅުނު 38 މެޗުން 61 ޕޮއިންޓް ލިބި ތާވަލްގެ ހަތްވަނަ ކަށަވަރު ވެފައެވެ. އެސްޓަންވިލާ އެންމެފަހުން ޔޫރަޕްގައި ކުޅެފައިވަނީ 2010 ވަނަ އަހަރުއެވެ. އެފަހަރު ވިލާވަނީ ޔޫރޮޕާ ލީގު ޕްލޭއޮފްގައި ކުޅެ ބަލިވެފައެވެ. މެޗުން ބަލިވި ބްރައިޓަން އުޅެނީ 62 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ. އަދި ބްރައިޓަން ވަނީ ޔޫރޮޕާ ލީގުގެ ޖާގައެއް މީގެކުރިން ކަށަވަރުކޮށްފައެވެ.