އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ކުޅުނު މެޗް ކާމިޔާބުކޮށްފިއެވެ.
މިމެޗް 5 ވަނައަށް ސީޑް ކުރެވިފައިވާ ސިޓްސިޕާސް ކާމިޔާބުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ޔީރީ ވެސެލީ އާއި ބައްދަލުކޮށް ތިން ސެޓް އެއްސެޓުންނެވެ.
މިމެޗްގައި ސިޓްސިޕާސްއަށް ވަނީ ދުނިޔޭގައި 455 ވަނައަށް ރޭންކް ކުރެވިފައިވާ ވެސެލީގެ ފަރާތުން ހީކުރިވަރަށް ވުރެ އުނދަގޫ ވަގުތުތަކަކާއި ކުރިމަތިލާންޖެހިފައެވެ. މިގޮތުން ފުރަތަމަ ސެޓް ހަތެއް ފަހަކުން ސިޓްސިޕާސް ކާމިޔާބުކުރިއިރު ދެވަނަ ސެޓް އޭނާ ގެންދިޔައީ ހައެއް ތިނަކުންނެވެ. ނަމަވެސް ތިންވަނަ ސެޓް ވެސެލީ ވަނީ ހަތަރެއް ހަޔަކުން ކާމިޔާބުކޮށްފައެވެ. އަދި ހަތަރު ވަނަ ސެޓް ސިޓްސިޕާސްއަށް ކާމިޔާބު ކުރެވުނީ ކިރިޔަ ކިރިޔާއެވެ.
މިގޮތުން ހަތަރުވަނަ ސެޓް ޓައިބްރޭކަށް ގޮސް ވެސެލިއަށް ހަތަރު ފަހަރެއްގެ މަތިން ސެޓް ނިންމާލުމުގެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް ސީޓްސިޕާސް ވަނީ އޭނާ ތަޖްރިބާގެ ބޭނުންކޮށް އެޓައި ބްރޭކް ނުވައެއް ހަތަކުން ކާމިޔާބުކޮށް މިމެޗްވެސް ކާމިޔާބުކޮށްފައެވެ.
މިމުބާރާތުގެ ދެވަނަ ބުރުގައި ސިޓްސިޕާސް ބައްދަލުކުރާނީ ސްޕެއިންގެ ރޮބާޓޯ ކާބަޔޭސް ބައޭނާ އާއެވެ.
މުބާރާތުގައި ހަތްވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވް އާއި ލާސްލޯ ޑިޔޭރޭ ބައްދަލުކުރިމެޗް ތިން ސެޓް އެއްސެޓުން ކާމިޔާބުކުރީ ރުބްލޭވްއެވެ. އެއީ ހައެއް އެކެއް، ތިނެއް ހައެއް، ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. އެގާރަވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ ކަރެން ހަޗަނޯވް އާއި ފަރަންސޭސިވިލާތުގެ ކޮންސްޓަންޓް ލެސްޓިއޭން ބައްދަލުކުރި މެޗް ފަހަތުން އަރާ ތިން ސެޓް ދެސެޓުން ކާމިޔާބުކުރީ ހަޗަނޯވްއެވެ. އެއީ ތިނެއް ހައެއް، އެކެއް ހަޔަކުން ފުރަތަމަ ދެސެޓް ލެސްޓިއޭން ކާމިޔާބުކޮށްފައިވަނިކޮށް ޖެހިގެން އައި ތިން ސެޓް ހައެއް ދެއެއް، ހައެއް އެކެއް އަދި ހައެއް ތިނަކުން ކާމިޔާބުކޮށްގެންނެވެ.
މީގެއިތުރުން 13 ވަނައަށް ސީޑް ކުރެވިފައިވާ ޕޯލަންޑްގެ ހުބަރޓް ހަރކާޒް އާއި ބެލްޖިއަމްގެ ޑޭވިޑް ގޮފިން ބައްދަލުކުރިމެޗް ހަރކާޒްއަށް ކާމިޔާބު ކުރެވުނީވެސް ތިން ސެޓް ދެސެޓުންނެވެ. އެއީ ހައެއް ތިނެއް، ފަހެއް ހަތެއް، ހައެއް ހަތަރެއް، ދެއެއް ހައެއް އަދި ހައެއް ހަތަރަކުންނެވެ.
17 ވަނައަށް ސީޑް ކުރެވިފައިވާ އިޓަލީވިލާތުގެ ލޮރެންޒޯ މުސެއްޓީ އާއި ސްވިޑްންގެ މިކައިލް ޔިމަރ ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ މުސެއްޓީ އެވެ. މިމެޗްގެ ސެޓްތައް އޭނާ ކާމިޔާބުކުރީ ހަތެއް ފަހެއް، ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ.