އިނގިރޭސި ޕްރިމިއަރ ލީގުން މިސީޒަންގައި ރެލިގޭޓްވި ފަހު ދެޓީމަށް ލެސްޓަރ ސިޓީ އާއި ލީޑްސް ޔުނައިޓެޑް ވެއްޖެއެވެ.
ލެސްޓަރ ރެލިގޭޓްވީ ރޭ ކުޅުނު ފަހު މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ބައްދަލުކޮށް މޮޅުވުމާއެކުވެސް އެވަޓަން އެޓީމް ކުޅުނު މެޗުން މޮޅުވުމުންނެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗްގައި ލެސްޓަރއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ވެސްޓް ހޭމްގެ މައްޗަށް 2 ލަނޑު އެއްލަނޑުން ކުރި ހޯދުމާއެކުވެސް ރެލިގޭޝަނުން ސަލާމަތް ވެވޭވަރެއް ނުވިއެވެ. މެޗްގެ ލީޑު 34 ވަނަ މިނެޓްގައި ނަގާފައިވަނީވެސް ލެސްޓަރއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހާވީ ބާންސްއެވެ. މިއީ އޭނާ މިސީޒަންގައި ލެސްޓަރއަށް ކާމިޔާބުކޮށްދިން 13 ވަނަ ލަނޑެވެ. އަދި މެޗްގެ 62 ވަނަ މިނެޓްގައި ވޫޓް ފައެސް ޖަހާދިން ލަނޑާއެކު ލެސްޓާއިން އެޓީމްގެ ލީޑު ފުޅާކުރިއެވެ. މިމެޗްގައި ވެސްޓް ހޭމްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހާދިނީ ޕަބްލޯ ފޯނާލްސްއެވެ.
ރޭގެ މެޗަށް ނިކުތްއިރުވެސް އަމިއްލަ ބާރު ނެތް ލެސްޓަރއަށް އެޓީމްގެ މެޗް ނިމުނުއިރު އެވަޓަން އާއި ބޯންމޯތު ބައްދަލު ކުރަމުންދިޔަ މެޗް ނުނިމޭތީ ދަނޑު މަތީގައި ދެން ވާނެގޮތެއް ބެލުމަށް މަޑުކޮށްގެން ތިއްބެވެ. ނަމަވެސް އެވަޓަން މޮޅުވެގެން އެމެޗް ނިމުމާއެކު ލެސްޓަރއަށް އެޓީމް ރެލިގޭޓްވިކަން ޔަގީންވެގެންދިޔައެވެ. މިއާއެކު ލެސްޓަރ ވެފައިވަނީ މިހާތަނަށް ރެލިގޭޓްވި އެންމެ އަގުބޮޑު ޓީމްގެ ގޮތުގައެވެ. ލެސްޓަރގެ މުސާރަތައް 180 މިލިއަން ޕައުންޑަށްއަރައެވެ. މިއީ ޕްރިމިއަރ ލީގުގައި ގަދަ ހައެއް ނެގުމަށްފަހު މުސާރައަށް އެންމެ ބޮޑު ހޭދައެއް ކުރާ ޓީމެވެ.
ލީޑްސް ޔުނައިޓެޑް ރެލިގޭޓްވީ ޓޮޓްނަމް ހޮޓްސްޕަރ އާއި ބައްދަލުކުރިމެޗުން ހަތަރު ލަނޑު އެއްލަނޑުން ބަލިވުމާއެކު އެވަޓަން އެޓީމްގެ މެޗް ކާމިޔާބު ކުރުމުންނެވެ. ރޭގެ މެޗަށް ލީޑްސް އާއި ލެސްޓަރ އަދި އެވަޓަން ނިކުންއިރު މީގެތެރެއިން ސަލާމަތްވާން އޮތީ އެންމެ ޓީމެކެވެ. އަދި ތާވަލްގައި ޕޮއިންޓް ލިބިފައިވި ގޮތަށް ބަލާއިރު އަމިއްލަ ބާރު އޮތީ އެވަޓަން އަށެވެ.
ލީޑްސްގެ ދަނޑުގައި ކުޅުނު މެޗްގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީވެސް ލީޑްސްއަށް މާއެދެވޭ ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ. އަދި މިމެޗްގައި ސްޕާސްގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. މިގޮތުން މެޗްގެ ދެވަނަ މިނެޓްގައި އެޓީމުންވަނީ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ހެރީ ކޭންއެވެ. މިމެޗްގައި ސްޕަރސްގެ ދެވަނަ ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހާދިނީ ޕެޑްރޯ ޕޯރޯއެވެ. މިމެޗްގައި ލީޑްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖެކް ހެރިސަންއެވެ.
ނަމަވެސް މިލަނޑު ޖެހިތާ ދެ މިނެޓްފަހުން ކޭން ވަނީ ސްޕަރސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ އަނެއްކާ އެޓީމަށް ދެލަނޑުގެ ލީޑެއް ނަގާދީފައެވެ. މިއީ ކޭން މިފަހަރު ލީގުގައިި ކާމިޔާބުކުރި 30 ވަނަ ލަނޑެވެ. މިމެޗްގައި ސްޕަރސްގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ލޫކަސް މޯރާއެވެ. މިކާމިޔާބީއާއެކު ސްޕަރސް ސީޒަން ނިންމާލީ 60 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގާ އޮވެގެންނެވެ. އަދި ލީޑްސް ސީޒަން ނިންމާލީ 31 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގާ އޮވެގެންނެވެ.
ލެސްޓަރ އާއި ލީޑްސްގެ އިތުރުން މިފަހަރު ޕްރިމިއަރ ލީގުން ރެލިގޭޓް ވެފައިވަނީ ސައުތެމްޕްޓަންއެވެ. ނަމަވެސް ސައުތެމްޕްޓަންއިން ފަހު މެޗްގައިވަނީ ލިވަޕޫލާއި ބައްދަލުކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މިމެޗް ނިމުނީ ހަތަރު ލަނޑު ހަތަރު ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.