ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް 15 މަސް ފުރިފައިވާއިރު، ޔޫކްރެއިންގެ ވެރިރަށް ކީވަށް މިހާތަނަށް ނުދޭވަރުގެ ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފައިވާ ކަމުގައި ޔޫކްރެއިނުން ބުނެފިއެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ ރަޝިޔާއިން ކީވްގެ އަމާޒުތަކަށް އެއް ފަހަރާ 54 ޑްރޯން ޙަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމުގައެވެ. މި ޙަމަލާތައް ދީފައި މި ވަނީ ކީވް ޑޭ ނުވަތަ ކީވްގެ ދުވަހުގެ ގޮތުގައި ޔޫކްރެއިނުން ފާހަގަކުރާ މުނާސަބަތަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.
މިއީ، ހަނގުރާމަ ފެށިފަހުން ކީވަށް ޙަމަލާދޭން ރަޝިޔާއިން މިހާ ގިނަ ޢަދަދެއްގެ ޑްރޯންތަކެއް ބޭނުން ކުރި ފުރަތަމަ ފަހަރެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ ކީވަށް ޙަމަލާދޭން ރަޝިޔާއިން ފޮނުވައިލި 54 ޑްރޯންގެ ތެރެއިން 52 ޑްރޯން ވައްޓައިލާފައިވާ ކަމުގައެވެ. އެ ޑްރޯންތައް ވައްޓައިލާފައި ވަނީ ޔޫކްރެއިންގެ ވައިގެ ސިފައިންނާއި ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެންނެވެ.
މިއީ، މި މޭ މަހުގެ ތެރޭގައި ރަޝިޔާއިން ކީވަށް ޙަމަލާދީފައިވާ 14 ވަނަ ފަހަރެވެ. މި ޙަމަލާގައި 41 އަހަރުގެ ފިރިހެނެއް މަރުވެފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އޭނާ މަރުވީ، ޔޫކްރެއިނުން ވައްޓައިލި ޑްރޯނެއްގެ ދަށުވެގެން ކަމުގައި ކީވްގެ މޭޔަރު ވިޓާލީ ކްލިޓްޝްކޯ ވިދާޅުވިއެވެ. ރަޝިޔާގެ ޙަމަލާތައް އަމާޒުކުރަން މަސައްކަތް ކޮށްފައި ވަނީ، ޔޫކްރެއިންގެ އަސްކަރިއްޔާގެ މަރުކަޒުތަކާއި ޢުމްރާނީ ވަސީލަތްތަކަށް ކަމުގައި ޔޫކްރެއިންގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.
ކީވަށް ޙަމަލާދޭން ރަޝިޔާއިން ފޮނުވި ޑްރޯނެއް ވައްޓައިލުމުގެ ސަބަބުން އެ ރަށުގައި ޢާންމުން ދިރިއުޅޭ ޢިމާރާތެއްގައި އަލިފާން ރޯވެ، ގެއްލުންތަކެއް ލިބިފައިވެއެވެ. އެ ހާދިސާގައި ތިން ބުރިއަށް ޢިމާރާތްކޮށްފައިވާ ގުދަނެއްގައި ރޯވެ، 1,000 އަކަ ކިލޯމީޓަރުގެ ހިސާބަކަށް ގެއްލުން ލިބުނު ކަމުގައި ކްލިޓްޝްކޯ ވިދާޅުވިއެވެ. މީގެ އިތުރުން، ހަތް ބުރީގެ ޢިމާރާތަކާއި ނުވަ ބުރީގެ ޢިމާރަތެއްގައި ވެސް އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.