ކުޅިވަރު

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޗެލްސީން ވިމެންސް ސުޕަ ލީގު ކާމިޔާބުކޮށްފި


އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 4 ވަނަ ފަހަރަށް ޗެލްސީ ވިމެން ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ޗެލްސީން ހޯދީ ރޭ ކުޅުނު ފަހު މެޗްގައި ރެޑިންގ ވިމެން އާއި ބައްދަލުކުރި މެޗް ރަށުން ބޭރުގައި 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

މިކާމިޔާބީއާއެކު ޗެލްސީއަށް ލީގު ކާމިޔާބު ކުރެވިފައިވަނީ ކުޅުނު 22 މެޗުން ލިބުނު 58 ޕޮއިންޓާއެކުއެވެ. މިފަހަރު ލީގުގެ ދެވަނަ މަގާމް ލިބިގެންދިޔައީ މެންޗެސްޓަރ ޔުނައިޓެޑް ވިމެން އަށެވެ. އެޓީމް ލީގު ނިންމާލީ ލިވަޕޫލް ވިމެން އާއި ބައްދަލުކުރިމެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށް 56 ޕޮއިންޓާއެކުއެވެ. އަދި ތިންވަނަ ހޯދީ 47 ޕޮއިންޓާއެކު އާސެނަލް ވިމެންއެވެ. ތާވަލްގެ ހަތަރު ވަނައަށް ދިޔަ މެންޗެސްޓަރ ސިޓީ ވިމެންއަށްވެސް 47 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބެނީ އާސެނަލް އަށެވެ.

ޗެލްސީ އާއި ރެޑިންގެ މެދުގައި ރޭ ކުޅުނު މެޗްގައި ޗެލްސީގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހާދިނީ ސޭމް ކާރއެވެ. އަދި މެޗްގެ 42 ވަނަ މިނެޓްގައި ގޫރޯ ރެއިޓެން ޖަހާދިން ލަނޑާއެކު ޗެލްސީއިން އެޓީމްގެ ލީޑު ފުޅާކުރިއެވެ. މިމެޗްގައި ޗެލްސީގެ ފަހު ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ކާރއެވެ.

މިކާމިޔާބީއާއެކު ލީގުގެ ޗެމްޕިއަންކަން ޗެލްސީ ވިމެން އިން ކަށަވަރުކުރިއިރު 8 އަހަރަށްފަހު ރެޑިންގ ވިމެން މިވަނީ ވިމެންސް ސުޕަރ ލީގުން ރެލިގޭޓް ވެފައެވެ. ރެޑިންގއަށް މިސީޒަންގައި 22 މެޗުން ހޯދިފައި ވަނީ 11 ޕޮއިންޓެވެ.