ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕެރިސް ސެއިންޓް ޖާމައިން ކާމިޔާބުކޮށްފިއެވެ.
ޕީއެސްޖީއިން ލީގު ކާމިޔާބުކުރީ ރޭ ސްޓްރަސްބޯގްއާ ބައްދަލުކުރި މެޗް އެއްވަރުވުމުން ލިބުނު ޕޮއިންޓާއެކު ބާކީ އެއްމެޗް އޮއްވައެވެ.
މިމެޗުން ލިބުނު ޕޮއިންޓާއެކު ޕީއެސްޖީއަށް 37 މެޗުން މިހާރުވަނީ 85 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގާ އުޅޭ ލޯންސްއަށް ލިބިފައިވަނި 81 ޕޮއިންޓް ކަމުން އެޓީމަށް ދެން ޕީއެސްޖިއާ އަރާ ހަމަ ނުކުރެވޭނެކަން ވަނީ ޔަގީން ކުރެވިފައެވެ.
ސްޓްރަސްބޯގުގެ ދަނޑުގައި ރޭ ކުޅުނު މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ޕީއެސްޖީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭގެ ޕާހަކުން ލިއޮނެލް މެސީއެވެ. މިލަނޑާއެކު މެސީ މިވަނީ ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އާ ރިކޯޑެއް ގާއިމް ކޮށްފައެވެ. މިލަނޑާއެކު އޭނާ ޔޫރަޕްގެ ބޮޑު ފަސް ލީގުގައި ޖަހާފައިވާ ލަނޑުގެ އަދަދު ވަނީ 496 އަށް އަރާފައެވެ. ކުރިން މި ރެކޯޑް އޮތް ކްރިސްޓިއާނޯ ރޮނާލްޑޯއާ، އަރާ ހަމަކޮށްފައިވަނީ މިދިޔަ މަހު ލޯންސްއާއި ބައްދަލުކުރި މެޗްގައެވެ. މެސީ މިހާތަނަށް މިވަނީ 575 މެޗްގައި 496 ލަނޑު ކާމިޔާބުކޮށް 247 އެސިސްޓް ދީފައެވެ. އަދި މިއީ މެސީ ޕީއެސްޖީއަށް ކާމިޔާބުކޮށްދިން 32 ވަނަ ލަނޑެވެ. ޕީއެސްޖީއިން މިމެޗްގެ ލީޑު ނެގި ނަމަވެސް ސްޓްރަސްބޯގުގެ ކެވިން ގަމެއިރޯ މެޗްގެ 79 ވަނަ މިނެޓްގައި ޖަހާދިން ލަނޑުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިކާމިޔާބީއާއެކު ފަހު މެޗަ ކުރިމަތިލާއިރު ޕީއެސްޖީއިން ހަމަޖެހިލާފައިވީނަމަވެސް މިއަންނަ ސީޒަނާއި ކުރިމަތިލާއިރު އެޓީމަށް ގިނަ ބަދަލުތަކެއް އަންނާނެކަމަށް މިހާރުވެސް ވަނީ ބެލެވެން ފަށާފައެވެ. މިމެޗުން ލިބުނު ޕޮއިންޓާއެކު ސްޓްރަސްބޯގުވެސް މިހާރު ވަނީ ރެލިގޭޝަންގެ ބިރުން ސަލާމަތްވެފައެވެ. އެޓީމް މިހާރު އުޅެނީ 37 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.