އީރާނާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ސަރަޙައްދީ ހުރަހެއް ކައިރީގައި އީރާނުގެ ސިފައިންނާއި ޠާލިބާން ހަނގުރާމަވެރިންނާ ދެމެދު ހިނގި ޙަމަލާ ބަދަލުކުރުންތަކެއްގައި ތިން މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އަފްޣާނިސްތާނުގެ ނަމްރޫޒް ޕުރޮވިންސާ އީރާނާ ގުޅޭ ސަރަޙައްދީ ހުރަސް ކައިރީގައެވެ.
ޙަމަލާ ބަދަލުކުރުމުގައި މަރުވެފައި ވަނީ އީރާނުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ދެ ސިފައިންނާއި ޠާލިބާނުންގެ ހަނގުރާމަވެރިއެކެވެ. މި ހާދިސާ ހިނގާފައި މި ވަނީ، ސާފު ބޯފެނުގެ މިލްކުވެރިކަމާ މެދު ދެ ޤައުމުގެ ދެމެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުންގެ ދާޚިލީ ވަޒީރު ޢަބްދުލް ނާފީ ތާކުރު ބުނީ އިސްވެ ޙަމަލާދީފައި ވަނީ އީރާނުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިން ކަމުގައެވެ. އަދި، ޠާލިބާނުންގެ ފައުޖުތަކުން ރައްދުގައި ޙަމަލާދީފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ. ނަމަވެސް، މިހާރު މަސްރަޙު ހަމަޖެހިފައިވާ ކަމުގައި އޭނާ ބުންޏެވެ. އީރާނުން ބުނީ އިސްވެ ޙަމަލާދީފައި ވަނީ ޠާލިބާން ހަނގުރާމަވެރިން ކަމުގައެވެ.
"ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބެލުމެއް ނެތި، އަދި އަވައްޓެރިކަމަށް ބެލުމެއް ނެތި، އީރާނުގެ ސޯސަލީ ޗެކްޕޮއިންޓަށް އިސްވެ ޙަމަލާދީފައި ވަނީ ޠާލިބާނުންގެ ހަނގުރާމަވެރިން،" އީރާނުގެ ފުލުހުންގެ އިސްވެރިޔާ ނައިބު ޤާސިމް ރިޟާއީ ވިދާޅުވިއެވެ.
މި ޙާދިސާގައި އީރާނުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންނާއި ޠާލިބާން ހަނގުރާމަވެރިންގެ އިތުރު ބަޔަކު ޒަޚަމުވިއެވެ. އީރާނުން ވަނީ ޙަމަލާ ބަދަލުކުރުންތަކުގައި އެ ޤައުމުގެ ދެ ސިފައިން މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އަދި، ޒަޚަމުވި މީހުންގެ ތެރޭގައި ޢާންމުންގެ ދެ މީހުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައި މި ވަނީ، އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަފްޣާނިސްތާނަށް ތުހުމަތުތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އަފްޣާނިސްތާނުގެ ހެލްމަންދް ކޯރުގެ ފެން އީރާނުގެ އިރުމަތީ ސަރަޙައްދުތަކަށް ފޯރުމަށް އަފްޣާނިސްތާނުން ހުރަސް އަޅަމުންދާ ކަމުގައި އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި، 1973 ވަނަ އަހަރު މި ކަމާ ގުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުމަށް އިޙުތިރާމު ކުރުމަށް އޭނާ ވަނީ ޠާލިބާނުންނަށް ގޮވައިލައްވާފައެވެ. ނަމަވެސް، ޠާލިބާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.