ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ފުވައްމުލަކު ސިޓީ ސްކޭޓް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ފުވައްމުލަކު ސިޓީ ސްކޭޓް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް ޚަވާލުކުރައްވާފައިވަނީ ޝީހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުޢާދެވެ. އަދި ޝީހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިބްރާހިމް ޢަލީ ދީދީއެވެ.
ފުވައްމުލަކު ސިޓީ ސްކޭޓް ޕާކް ތަރައްޤީކުރުމަށް ޝީހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެއްވީ އެއް މިލިޔަން އަށްލައްކަ ސައްބީސްހާސް ނުވަސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ އަށްޑިހަ ތިން ލާރި އަށެވެ. މި މަސައްކަތް ޝީހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވާފައިވަނީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.