ޚަބަރު

ރަޝިޔާގެ އަތްދަށުން ޔޫކްރެއިން މިނިވަންކުރަން ތައްޔާރު: ޑެނިލޮފް


ޔޫކްރެއިނަށް އަރައި އެ ޤައުމުގެ ސަރަޙައްދުތަކަށް އަތްގަދަކޮށްފައިވާ ރަޝިޔާގެ ސިފައިންގެ އަތްދަށުން އެ ސަރަޙައްދުތައް މިނިވަންކުރަން ޚާއްޞަ އަސްކަރީ ކެމްޕޭނެއް ފެށުމަށް ޔޫކްރެއިނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމުގައި އެ ޤައުމުގެ ސަލާމަތާބެހޭ ކައުންސިލުގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ. ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޚާއްޞަ އަސްކަރީ ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންދާކަން އެ ޤައުމުން ވަނީ ކުރިން އިޢުލާނުކޮށްފައެވެ. ނަމަވެސް، ކެމްޕޭން ފަށާނެ ވަކި ތާރީޚެއް އިޢުލާނުކޮށްފައެއް ނުވެއެވެ.

ޔޫކްރެއިންގެ ނޭޝަނަލް ސެކިޔުރިޓީ އެންޑް ޑިފެންސް ކައުންސިލުގެ އިސްވެރިޔާ އޮލެކްސީ ޑެނިލޮފް ވިދާޅުވީ ރަޝިޔާގެ އަތްދަށުން ޔޫކްރެއިން މިނިވަންކުރުމުގެ މަސައްކަތް ފެށުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ތައްޔާރުވެފައިވާ ކަމުގައެވެ. އޭނާއަކީ ޔޫކްރެއިންގެ ސަލާމަތާބެހޭ އެންމެ އިސް އެއް އޮފިޝަލެވެ. ނަމަވެސް، ކެމްޕޭން ފަށާނެ ވަކި ތާރީޚެއް އޭނާ އިޢުލާނުކުރައްވާފައެއް ނުވެއެވެ.

"ރަޝިޔާއާ ދެކޮޅަށް އަސްކަރީ ކެމްޕޭން މިއަދު ވެސް ފެށިދާނެ. މާދަން ވެސް ފެށިދާނެ. އޭގެ އަނެއް ދުވަހު ވެސް ފެށިދާނެ. ޖެހިގެން އޮތް ހަފުތާގައި ވެސް ފެށިދާނެ. ދަންނަވަން މިއުޅޭ ވާހަކައަކީ، ރަޝިޔާ ސިފައިންގެ އަތްދަށުން ޔޫކްރެއިން މިނިވަން ކުރަން މި ޤައުމުގެ އަސްކަރިއްޔާއިން މިހާރު އޮތީ ތައްޔާރަށް،" ޑެނިލޮފް ވިދާޅުވިއެވެ. އޭނާއަކީ، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ ސަރުކާރުގައި ސަލާމަތީ ދާއިރާއިން އެންމެ އިސް މަގާމު ފުރުއްވަމުން ގެންދަވާ އެއް ބޭފުޅާއެވެ.

ޔޫކްރެއިންގެ އިރުމަތީގައި ބަޚްމުތް ހިފުމުގައި ހަރަކާތްތެރިވި ވެގްނަރ ގުރޫޕުގެ ކުލީ ސިފައިން އެ ރަށް ދޫކޮށް ފައިބަން ފަށާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ބަޚްމުތަކީ ދޮންބާސް ސަރަޙައްދުގެ ޑޮނެޓްސްކުގައި އޮންނަ ރަށެކެވެ. 10 ވަރަކަށް މަސް ދުވަހުގެ ދިގު ހަނގުރާމައަކަށް ފަހު އެ ރަށް ހިފާފައިވާ ކަމަށް ވެގްނަރ އަދި ރަޝިޔާއިން ދިފާޢީ ވުޒާރާއިން ހާމަކޮށްފައި ވަނީ މި މަހުއެވެ. ނަމަވެސް، ޔޫކްރެއިނުން ދަނީ އެ ކަން ދޮގު ކުރަމުންނެވެ. އަދި، އެ ރަށުގައި ޔޫކްރެއިންގެ ފައުޖުތަކުން އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށް ބުނަމުންނެވެ.

ޔޫކްރެއިނަށް އަރައި އެ ޤައުމުގެ ރަށްތަކަށް އަތްގަދަކޮށްފައިވާ ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފެށުމަށް ޔޫކްރެއިނުން ތައްޔާރުވަމުންދާތާ މިހާރު މަސްތަކެއް ފާއިތުވެއްޖެއެވެ. ކެމްޕޭން ނުފަށައި ލަސްކޮށްފައި ވަނީ، އެ ޤައުމުން ބޭނުންވާ ޒަމާނީ ހަތިޔާރު ހޯދުމަށް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އަދި، ވަރުގަދަ އަސްކަރީ ކެމްޕޭނެއް ހިންގުމަށް އެ ޤައުމުގެ ސިފައިން ތަމްރީނު ކުރުން ވެސް ހިމެނެއެވެ.

މި ކެމްޕޭން ފެށުމުގެ ކުރިން ޔޫކްރެއިނުން ހޯދަން މަސައްކަތް ފަށާފައިވާ ގިނަ ހަތިޔާރުތަކެއް މިހާރު ވަނީ އެ ޤައުމަށް ލިބިފައެވެ. މީގެ ތެރޭގައި އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޓޭންކުފަހަރާއި، އަސްކަރީ މަތިންދާބޯޓުތަކުގެ އިތުރުން ޒަމާނީ ރޮކެޓާއި މިސައިލް ސިސްޓަމްތައް ހިމެނެއެވެ. އަދި، ވަރުގަދަ ވައިގެ ދިފާޢީ ނިޒާމުތަކެއް ވެސް ހުޅަނގުގެ ބާރުތަކުން ވަނީ ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ.

ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން އަސްކަރީ ކެމްޕޭނެއް މިހާރު ވެސް ފަށައިގެން ކުރިއަށްގެންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް، ޑެނިލޮފް ވަނީ އެ ކަން ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިހާރު ޔޫކްރެއިންގެ ސިފައިން ކުރަމުން ދަނީ އެ ޤައުމުގެ ރަށްތަކާއި ރައްޔިތުން ދިފާޢު ކުރުމުގެ މަސައްކަތް ކަމުގައެވެ. އަދި، ކުރިއަށް އޮތީ ރަޝިޔާއިން އަތްގަދަކުރި ސަރަޙައްދުތައް މިނިވަންކޮށް، ރަޝިޔާގެ ސިފައިން ޔޫކްރެއިނުން ބޭލުން ކަމުގައި ޑެނިލޮފް ވިދާޅުވިއެވެ.