ޚަބަރު

މެމްބަރު ޒަރީރަށް ޙަމަލާދިން ދެ މީހެއްގެ ބަންދަށް އިތުރު 15 ދުވަސް


މަތިވެރީ ދާއިރާގެ މެމްބަރު ޙަސަން ޒަރީރަށް ޙަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރައްވައިފިއެެވެ.

މެމްބަރު ޒަރީރަށް ގްރޫޕަކުން ޙަމަލާދިނީ މިމަހުގެ 1 ވަނަ ދުވަހުގެ ފަތިހު ބުރުޒުމަގުގައި ހުރި ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ.

މި މައްސަލައިގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި 2 މީހަކާއި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރި މީހެކެވެ.

މި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު ހަމަވެގެން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި 21 އަދި 22 އަހަރުގެ ދެ ދިވެހި ފިރިހެނުންގެއެވެ. އެ މީހުންގެ ބަންދަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފައެވެ.

މި މައްސަލައިގައި މިމަހުގެ 1 ވަނަ ދުވަހު ހައްޔަރުކުރީ ފުލުހުން ހޯދަމުންދިޔަ މީހަކެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަދުވަހު ފުލުހުންނާއި އަމިއްލައަށް ހަވާލުވުމުންނެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ އެ ދުވަހު މަސް ދުވަސް ދީފައެވެ.