ޚަބަރު

ޔަހޫދީއަކު ބަޑިން ޙަމަލާދީ ފަލަސްޠީން މީހަކު ޝަހީދުކޮށްލައިފި


ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީއަކު ބަޑިން ޙަމަލާދީ ފަލަސްޠީނުގެ މީހަކު ޝަހީދުކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާގެ ޓެރެރިސްޓުން ހުޅަނގު އައްސޭރިއަށް އަރައި، ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރަށް ގެއްލުންދީ، ސުންނާފަތި ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ބުލްޑޯޒަރުތަކާއި އެ ފަދަ އާލާތްތައް ބޭނުންކޮށްގެން ޔަހޫދީ އަސްކަރިއްޔާއިން ވަނީ ހުޅަނގު އައްސޭރީގެ ޚަލީލްގައި ފަލަސްޠީން ރައްޔިތުން ދިރިއުޅޭ ގިނަ ޢަދަދެއްގެ ޢިމާރާތް ބިމާ ހަމަކޮށްލާފައެވެ. ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ބައެއް މެންބަރު ޤައުމުން ވަނީ ޔަހޫދީ އިސްރާޢީލުގެ މި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޔަހޫދީ އަސްކަރިއްޔާއިން ގެއްލުންދީފައި ވަނީ ދަނޑުވެރިން ކުރާ ބަޔަކު ދިރިއުޅޭ ޢިމާރަތްތަކަކަށެވެ. އެ ކަން ކުށްވެރިކޮށް، އެ ކަމާ ދެކޮޅަށް އަޑުއުފުލަން ޚަލީލްގައި ދިރިއުޅޭ ދަނޑުވެރިން ވަނީ ތެދުވެފައެވެ. އެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ވަޒަންވެރިކޮށްފައިވާ ޔަހޫދީން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ފުރައްސާރަކޮށް، އެ މީހުންނާ ކުރިމަތިލާފައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ބަޑިން ޙަމަލާދީ، އެކަކު ޝަހީދުކޮށްލާފައި ވަނީ އޭގެ ތެރެއިން ޔަހޫދީއެކެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ބަޑީގެ ޙަމަލާގައި ޝަހީދުކޮށްލާފައި ވަނީ އުމުރުން 28 އަހަރުގެ އަލާ ޤައިސިއްޔާ ކަމުގައެވެ. އޭނާ ޝަހީދުކޮށްލަން ޙަމަލާދީފައި ވަނީ ޔަހޫދީ އަސްކަރިއްޔާއިން ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނީ ޝަހީދުކޮށްލާފައި ވަނީ ޔަހޫދީއަކަށް ވަޅިން ޙަމަލާދޭން އުޅުނު މީހެއް ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ ހެބްރޯންގެ ދެކުނުގައި އޮންނަ ސަރަޙައްދެއްގައެވެ.

ޤައިސިއްޔާގެ ޢާއިލާއިން ބުނީ، އޭނާއަކީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ އެއްވެސް ޖަމާޢަތަކާ ގުޅުން އޮންނަ މީހެއް ނޫން ކަމުގައެވެ. އެ ފަދަ އެއްވެސް ޖަމާޢަތަކުން ވެސް ޤައިސިއްޔާއަކީ އެއިން ޖަމާޢަތެއްގެ މެންބަރެއް ކަން ހާމަކޮށްފައެއް ނެތެވެ

އެހެންވުމުން، އޭނާ ޔަހޫދީއަކަށް ޙަމަލާދޭން މަސައްކަތް ކުރި ކަމަށް އިސްރާޢީލުގެ އަސްކަރިއްޔާއިން ކުރާ ތުހުމަތު ބަލައިގަންނަން ދަތި ކަމަށް އޭނާގެ ޢާއިލާއިން ބުނެއެވެ. ނަމަވެސް، ޤައިސިއްޔާގެ ބޭބެ މުރާދަކީ ޔަހޫދީންނަށް ޙަމަލާދިނުމުގެ ކުށުގައި އިސްރާޢީލުން ޖަލަށް ލާފައިވާ މީހެކެވެ. 17 އަހަރަށް ފަހު އޭނާ ޖަލުން މިނިވަން ކޮށްފައި ވަނީ މީގެ ހަ މަސް ކުރިންނެވެ.

މި އަހަރުގެ މިހާތަނަށް ޔަހޫދީ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ 150 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 26 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ގިނަ ޢަދަދެއްގެ ޢާންމުންނާއި އަންހެނުން ވެސް ހިމެނެއެވެ. މުސްކުޅިންގެ ފުރާނައަށް ވެސް ފަރުވާލެއް ނުބަހައްޓައެވެ. ހުސްވި މޭ މަހުގެ 9 އިން 13 އަށް ޔަހޫދީ އަސްކަރިއްޔާއިން ހިންގި އުދުވާންތަކުގައި އެކަނިވެސް ފަލަސްޠީނުގެ 36 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.