ޚަބަރު

ޔޫކްރެއިންގެ 100އަށްވުރެ ގިނަ އަސީރުން ރަޝިޔާއިން މިނިވަންކޮށްފި


ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ހައްޔަރުކޮށްފައިވާ 106 އަސީރުން ރަޝިޔާއިން މިނިވަންކޮށްފައިއެވެ. މި ކަން ހާމަކޮށްފައި ވަނީ، އަސީރުން މިނިވަންކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ހަރަކާތްތެރިވާ ޔޫކްރެއިނިއަން ކޯޑިނޭޝަން ހެޑްކުއާޓަރސް ފޯރ ދަ ޓްރީޓްމެންޓް އޮފް ޕްރިޒަނަރސް އޮފް ވޯއިންނެވެ.

އެ އޮފީހުން ބުނީ، ރަޝިޔާއިން މިނިވަންކޮށްފައިވާ 106 އަސީރުންނަކީ ޔޫކްރެއިނުގެ އިރުމަތީގައި ބަޚްމުތް ހިފުމަށް ރަޝިޔާއިން ކުރި ހަނގުރާމައިގައި ހައްޔަރުކޮށްފައިވާ ޔޫކްރެއިންގެ ސިފައިން ކަމުގައެވެ. ބަޚްމުތަކީ ޔޫކްރެއިންގެ އިރުމަތީގައިވާ ދޮންބާސް ސަރަޙައްދުގައި އޮންނަ މައި ދެ ސަރަޙައްދުގެ ތެރެއިން ޑޮނެޓްސްކުގައި އޮންނަ ރަށެކެވެ. 10 ވަރަކަށް މަހުގެ ދިގު ހަނގުރާމައަކަށް ފަހު އެ ރަށް މިހާރު އޮތީ ރަޝިޔާގެ އަތްދަށުގައެވެ.

"ރަޝިޔާއިން ހައްޔަރުކުރި 106 އަސީރުން ވަނީ މިނިވަންކޮށްފައި. އެ މީހުން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް މި ދަނީ ކުރަމުން. އޭގެ ތެރޭގައި ހިމެނެނީ 8 އޮފިސަރުންނާއި 98 ސިފައިން. އެއީ، ބަޚްމުތްގެ މިނިވަންކަން ދިފާޢުކުރަން ހިތްވަރާ އެކު ހަނގުރާމަކުރި ޔޫކްރެއިންގެ ބަޠަލުން،" ޔޫކްރެއިންގެ ޗީފް އޮފް ސްޓާފް އެންޑްރީ ޔެރްމަކް ވިދާޅުވިއެވެ.

ބަޚްމުތަށް އަތްގަދަކޮށްފައިވާ ކަމަށް ރަޝިޔާއިން ބުނަމުން ދިޔަ ނަމަވެސް، ޔޫކްރެއިނުން އަދިވެސް އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ޔޫކްރެއިނުން ބުނަމުން ދަނީ، ބަޚްމުތްގެ ބައެއް ސަރަޙައްދުތަކުގައި އަދިވެސް އެ ޤައުމުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި، ރަޝިޔާގެ ސިފައިން ފަހަތަށް ޖައްސަން ހަނގުރާމަ ކުރަމުންދާ ކަމުގައެވެ.

10 ވަރަކަށް މަހުގެ ހަނގުރާމައަށް ފަހު ބަޚްމުތް މިހާރު އޮތީ މުޅިން ސުންނާފަތި ކޮށްލާފައެވެ. ބަޚްމުތް ހިފުމަށް ކުރި ހަނގުރާމައިގެ ކުރީ ސަފަށް ރަޝިޔާއިން ފޮނުވާފައި ވަނީ ވެގްނަރ ގުރޫޕުގެ ކުލީ ސިފައިންނެވެ. ބަޚްމުތް ހިފުމަށް ފަހު، އެ ރަށް ރަޝިޔާގެ އަސްކަރިއްޔާގެ ސިފައިންނާ ހަވާލުކުރަން ފަށާފައިވާ ކަމުގައި ވެގްނަރއިން ބުނެއެވެ. ބަޚްމުތްގައި ވެގްނަރ ގުރޫޕުގެ 2,000 އަށްވުރެ ގިނަ ކުލީ ސިފައިން މަރުވި ކަމުގައި ވެސް އެ ގުރޫޕުން ބުނެއެވެ.

"ރަޝިޔާގެ އަސްކަރިއްޔާގެ ސިފައިންނާ ބަޚްމުތް ހަވާލުކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި. ރަޝިޔާގެ އަސްކަރިއްޔާގެ ސިފައިން މިހާރު ދަނީ އަހަރުމެން ކޮންޓްރޯލް ކުރަމުންދިޔަ ސަރަޙައްދުތަކާ ހަވާލުވަމުން. އަހަރުމެން ބޭނުން ކުރި ހަތިޔާރު ވެސް މި ދަނީ އަސްކަރިއްޔާއާ ހަވާލު ކުރަމުން. އެއަށްފަހު، ހަނގުރާމައިގެ އެހެން މައިދާނަކަށް ވެގްނަރއިން ބަދަލުވާނެ،" ވެގްނަރ ގުރޫޕުގެ އިސްވެރިޔާ ޔެވްގެނީ ޕްރިގޮޜިން ބުންޏެވެ. ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ވެގްނަރ ގުރޫޕުގެ 10,000 އަށްވުރެ ގިނަ ކުލީ ސިފައިން ބައިވެރިވާ ކަމުގައި ވެސް އޭނާ ބުންޏެވެ.

ހަނގުރާމައިގެ މައިދާނަށް ބަލައިލާއިރު، ރަޝިޔާއިން ދަނީ ޔޫކްރެއިންގެ މައި ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، އީރާނުގައި އުފައްދާފައިވާ "ޝާހިދް" މަރުކާގެ އަސްކަރީ ޑްރޯންތައް ބޭނުންކޮށްގެން ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއްދީ، ޔޫކްރެއިންގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓައިލާފައިވާ ކަމުގައެވެ.

އެންމެ ފަހުން ދިން ޙަމަލާތަކުގައި ރަޝިޔާއިން 36 ޑްރޯން ބޭނުންކޮށްފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އެ ޑްރޯންތައް ވައްޓައިލާފައިވީ ނަމަވެސް، ޔޫކްރެއިންގެ ހުޅަނގުގައިވާ އަސްކަރީ މަރުކަޒުތަކާއި ޢުމްރާނީ ވަސީލަތްތަކަށް ޙަމަލާދޭން ރަޝިޔާއިން މަސައްކަތް ފަށާފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. މި ޙަމަލާތައް ހުއްޓުވަން ޔޫކްރެއިނުން ދަނީ ހުޅަނގުގެ ބާރުތަކުން އުފައްދާފައިވާ ވައިގެ ދިފާޢީ ނިޒާމުތައް ހޯދަން މަސައްކަތް ކުރަމުންނެވެ. އެ ފަދަ ނިޒާމުތައް ޔޫކްރެއިނުން މިހާރު ވެސް ދަނީ ބޭނުން ކުރަމުންނެވެ.

ޔޫކްރެއިނުން ވެސް ދަނީ ރަޝިޔާގެ އަސްކަރީ އަމާޒުތަކަށް ޙަމަލާ ދެމުންނެވެ. 2014 ވަނަ އަހަރު ރަޝިޔާއިން އަތްގަދަކޮށްފައިވާ ޔޫކްރެއިންގެ ކްރައިމިޔާއަށް ޔޫކްރެއިނުން ދޭން އުޅުނު ޑްރޯން ޙަމަލާތަކެއް ހުއްޓުވާފައިވާ ކަމުގައި ރަޝިޔާއިން ބުނެއެވެ. އަދި، ރަޝިޔާގައި އޮންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަކަށް ޙަމަލާދޭން މަސައްކަތް ކުރި ޔޫކްރެއިނުގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމުގައި ވެސް ރަޝިޔާގެ އެފް.އެސް.ބީ. ސަލާމަތީ ބާރުތަކުން ބުނެއެވެ.