ކުޅިވަރު

ޗެމްޕިއަންސް ލީގުން ލިވަޕޫލަށް ޖާގައެއް ނުލިބުމުން ހިތާމަކުރަން: ސަލާހް


ލިވަޕޫލަށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ގެއްލުމުން ހިތާމަކުރާކަމަށް އެޓީމްގެ ފޯވަޑް މުހަންމަދު ސަލާހް ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީ ބަލިކުރުމާއެކު އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ހޯދާ ފަހު ޓީމަކަށް ޔުނައިޓެޑް ވެގެން ދިޔަކަން ޔަގީންވުމުން ސޯޝަލް މީޑިއާގައި އާންމު ކުރި މެސެޖެއްގައެވެ.

ރޭގެ މެޗުން ޔުނައިޓެޑް މޮޅުވުމާއެކު މިސީޒަންގައި ލިވަޕޫލް ލީގު ނިންމާލާނީ ތާވަލްގެ ފަސްވަނައިގައި އޮވެގެންކަން ވަނީ ޔަގީންވެފައެވެ. އަދި މިއާއެކު ލުވަޕޫލަށް މިއަންނަ ސީޒަންގައި ޖާގަ ލިބިގެންދާނީ ޗެމްޕިއަންސް ލީގުގެ ބަދަލުގައި ޔޫރޮޕާ ލީގުންނެވެ.

ސަލާހް ބުނިގޮތުގައި ޗެމްޕިއަންސް ލީގުން ޖާގަހޯދުމަށްޓަކައި ބޭނުންވާނެ ހުރިހާ ކަމެއް ލިވަޕޫލަށް ފަހި ވެފައިހުރި ކަމަށާއި ނަމަވެސް މިފަހަރު މިވަނީ އެކަން ކުރުމުގައި ނާކާމިޔާބުވެފައިކަމަށެވެ.

ލިވަޕޫލުން މިއަހަރުގެ ސީޒަން ވަރަށް ކާމިޔާބު ކަމާއެކު ފެށި ނަމަވެސް، ލީގުގައި އެޓީމް ކުޅުނު ފުރަތަމަ 8 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެމެޗުންނެވެ. ލިވަޕޫލަށް މިސީޒަންގައި ދިމާވި މައްސަލަތަކުން އަރައިގަނެވިފައި ވަނީ ވަރަށް ފަހުންނެވެ. އެޓީމް އެންމެފަހުން ކުޅުނު އަށް މެޗްގެ ތެރެއިން ހަތް މެޗުންވަނީ މޮޅުވެފައިއެވެ. އަދި ޗެމްޕިއަންސް ލީގުގެ ފަހު ޖާގައަށް ޔުނައިޓެޑާއި ނިއުކާސްލް ޔުނައިޓެޑާއި އެ ޓީމުން ދިޔައީ ވާދަކުރަމުންނެވެ.