ކުޅިވަރު

ޗެލްސީ ބަލިކޮށް ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް


އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗް ޔުނައިޓެޑުން ކާމިޔާބުކޮށް، އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅެވޭނެކަން ޔުނައިޓެޑުން ކަށަވަރުކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗް އެޓީމުން ފެށީ ވަރަށް ފޯރިއާއެކުއެވެ. އެގޮތުން މެޗްގެ 6 ވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކަސެމީރޯއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެންތަނީ މާޝިއަލް ވަނީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފައެވެ.

މިމެޗްގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފަޑްއެެވެ.

މިމެޗްގައި ޗެލްސީން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗްގެ 89 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖާއޮ ފީލިކްސްއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑުން ވަނީ ކުޅުނު 37 މެޗުން ލިބިފައިވާ 72 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއާއެކު މިއަންނަ ސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގުގައި އިންގްލިޝް ޕްރިމިއަރ ލީގު ތަމްސީލް ކުރާ ހަތަރު ވަނަ ޓީމަކަށް ޔުނައިޓެޑް މިވަނީ ވެގެން ގޮސްފައެވެ. މީގެކުރިން މެންޗެސްޓަރ ސިޓީ އާއި އާސެނަލް އަދި ނިއުކާސްލް ޔުނައިޓެޑުން ވަނީ ޖާގަ ކަަވަރު ކޮށްފައެވެ. އަދި މިމެޗުން ބަލިވުމުން ޗެލްސީ އޮތީ 43 ޕޮއިންޓާއެކު ތާވަލްގެ 12 ވަަނައިގައެެވެ.