ކުޅިވަރު

ކާވާ ވިމެންސް ޗެލެންޖް ކަޕް: ރޭންކިން ފުރަަތަމަ މެޗުން ކިރްގިސްތާން އަތުން ރާއްޖެ ބަލިވެއްޖެ


ނޭޕާލުގައި ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2023 ގެ ރޭންކިން ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ބަލިވެއްޖެއެވެ.

މިއަދު މެންދުރުފަހު ކުޅުނު މެޗުގައި ގްރޫޕް އޭގެ ތިންވަނައަށް ދިޔަ ކިރްގިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުން ބަލިވިއިރު، މި ފަހަރުގެ މުބާރާތުގެ ގްރޫޕް ބީގައި ކުޅުނު ތިން މެޗުންވެސް ރާއްޖެ ވަނީ އެއްވެސް ސެޓެއްވެސް ނުލިބި ބަލިވެފައެވެ.

އަނިޔާގެ ސަބަބުން މިއަދުގެ މެޗު ރާއްޖެއިން ކުޅުނު އައިޝަތު މާޖިދާ އާއި ފައިހާ މުޙައްމަދު ނުލައެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ފަހު ވަގުތު އަމިއްލައަށް ގޯސްތަކެއް ހެދި ސެޓުތައް ވަނީ ގެއްލިފައެވެ. އެގޮތުން ފުރަތަމަ ދެ ސެޓު ކިރްގިސްތާނުން ގެންދިޔައީ 25-20 އަދި 25-20 އިންނެވެ.

ފުރަތަމަ ދެ ސެޓާ ޚިލާފަށް ތިންވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އެ ސެޓު ކިރްގިސްތާނުން ގެންގޮސްފައިވަނީ 25-15 އިންނެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ޓީމެއްގެ ގޮތުގައި ކުޅެން ޖެހޭ ދަނޑިވަޅުތަކުގައި ރާއްޖޭގެ ޓީމު ފެނިގެންގޮސްފައިވަނީ އާދައިގެ ގޮތަކަށެވެ.

މި މުބާރާތުގެ ރޭންކިން ފުރަތަމަ މެޗުން ރާއްޖެ ބަލިވިއިރު، ރޭންކިން ފަހު މެޗުގައި ރާއްޖެ ކުޅެން ޖެހޭނީ ރޭންކިން ދެވަނަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވި ބަންގްލަދޭޝްއާއެވެ.