ކުޅިވަރު

އެސްޕަންޔޯލް އާއި އެތުލެޓިކޯގެ ކުރިމަތިލުން އެއްވަރު


ސްޕެނިޝް ލީގުގައި އެސްޕަންޔޯލް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓްލެޓިކޯއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އެސްޕަންޔޯލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ އެޓްލެޓިކޯއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ސައުލް ނިގުއޭޒްއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ އެއް މިނެޓް ކުރިން އެންޓޮއިން ގްރީޒްމަން ޖަހާދިން ލަނޑާއެކު މިމެޗްގައި އެޓްލެޓިކޯއިން ދެލަނޑުގެ ލީޑެއް ނެގިއެވެ.

މިމެޗްގެ ދެވަނަ ހާފް އެތުލެޓިކޯއިން ފެށީ ފުރަތަމަ ހާފް ނިންމާލި ހިސާބުންނެވެ. މިގޮތުން ދެވަނަ ހާފްގެ ކުުޅުންފެށިތާ އެއް މިނެޓްގެ ތެރޭގައި މިމެޗްގައި އެޓިމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ޖަހާ ތިން ލަނޑުގެ ލީޑެއް ނެގިއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޔަނިކް ކަރަސްކޯއެެވެ.

މިމެޗްގައި އެސްޕަންޔޯލްގެ ފުރަތަމަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސެޒާ މޮންޓޭޒްއެވެ. އަދި މެޗްގެ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ހޮސެލޫވަނީ ދެޓީމްގެ ދެމެދުގައިވި ފަރަގު އެއް ލަނޑަށް ބަދަލުކޮށްފައެވެ. އަދި މިމެޗްގެ ނަތީޖާ އެސްޕަންޔޯލްއަށް އެއްވަރު ކޮށްދިނީ މެޗްގެ 79 ވަނަ މިނެޓްގައި ވިނިޝިއަސް ސޯޒާ ޖަހާދިން ލަނޑުންނެވެ.

މިމެޗް އެއްވަރު ވުމުން ލިބުނު އެއް ޕޮއިންޓާއެކު އެޓްލެޓިކޯ މިހާރު އުޅެނީ 36 މެޗުން ލިބިފައިވާ 73 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. މިމެޗުން އެޓްލެޓިކޯ މޮޅުވިނަމަ އެޓީމަށް ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލާ ތާވަލްގެ ދެވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. އަދި އެސްޕަންޔޯލް އުޅެނީ 35 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.