ކުޅިވަރު

ބްރައިޓަން އަތުން ޗެމްޕިއަން ސިޓީއަށް ޕޮއިންޓެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އާއި މި ފަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި ބެލުންތެރިން ބަލާހިތްވާކަހަލަ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިޓީއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއިންނެވެ. މިމެޗް ފެނިގެންދިޔައީ ދެޓީމުންވެސް ހަމަލާއަށް އިސްކަން ދިނުމުގެ ސަބަބުން ދެޓީމްގެ ފަރާތުންވެސް ގިނަ ހަމާލާ ތަކެއް ފެނިގެންދިޔަ މެޗަކަށެވެ. އަދި މިދެޓީމުން އުފެއްދި ހަމަލާތަކާއި ބަލާއިރު މިމެޗްގެ ނަތީޖާ ނިކުން ގޮތާމެދު ގިނަ ބަޔަކު ހައިރާންވާކަން ހާމަކޮށްފައިވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ޖަހާ މިމެޗްގެ ލީޑު ނެގީ ސިޓީއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ފިލް ފޯޑެންއެވެ.

އެކަމަކު ބްރައިޓަންއިން ހިތްވަރު އެލުވާނުލާ ކުޅެމުންދިޔުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 38 ވަނަ މިނެޓްގައި ހޫލިއޯ އެންސީސޯ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިމެޗްގައި ދެޓީމުން ޖެހި ދެލަނޑެއް ވަނީ ވީއޭއާރުން ބެލުމަށްފަހު ލަނޑެއް ނޫންކަމަށް ނިންމާފައެވެ. މިގޮތުން ފުރަތަމަ ހާފްގައި ކައޮރޫ މިޓޯމާ ޖެހި ލަނޑު އޭނާ އަތުގައި ޖެހިފައި ބޯޅަ ގޯލަށް ވަނުމާއި ގުޅިގެން ގަބޫލް ނުކުރިއިރު ދެވަނަ ހާފްގައި އަރލިންގ ހާލަންޑް ޖެހި ލަނޑު ޖެހުމުގެ ކުރިން ފައުލް އެއް ކޮށްފައިވުމުގެ ސަބަބުން އެލަނޑުވެސް ވަނީ ބަލައިނުގެންފައެވެ. މިމެޗްގައި މީގެއިތުރުންވެސް ދެޓީމަށްވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވެގެން ގޮސްފައެވެ.

މިމެޗުން ލިބުނު ޕޮއިންތާއެކު ބްރައިޓަންއަށް މިހާރުވަނ މިއަންނަ ސީޒަންގައި ޔޫރަޕްގެ ދެވަނައަށް އެންމެ ބޮޑު މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގެ ގްރޫޕް މަރްހަލާއިން ޖާގަ ލިބޭނެކަން ކަށަވަރު ވެގެން ގޮސްފައެވެ. ބްރައިޓަން އަށް މިހާރުވަނީ 37 މެޗުން 62 ޕޮއިންޓް ލިބިގެން ގޮސްފައެވެ. މިދިޔަ ހަފްތާގައި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީއަށް މިމެޗުން ލިބިފައިވާ ޕޮއިންޓާއެކު މިހާރުވަނީ 89 ޕޮއިންޓް ލިބި ތާވަލްގައި އަށް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.