ޚަބަރު

ބަންޑުންޖަހައިލި ޗައިނާގެ މަސް ބޯޓުން 14 މީހެއްގެ ހަށިގަނޑު ފެނިއްޖެ


އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ބަންޑުންޖަހައިލި ޗައިނާގެ މަސްވެރިކަން ކުރާ އުޅަނދާއެކު ގެއްލުނު 39 ފަޅުވެރިންގެ ތެރެއިން 14 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ސްރީ ލަންކާގެ ކަނޑުގެ ސިފައިން ބުނެފިއެވެ. "ލޫ ޕެންގް ޔުއާން ޔޫ 28" ކިޔާ ބޯޓާއި އޭގައި ދަތުރުކުރަމުންދިޔަ ފަޅުވެރިން ހޯދުމަށް ޗައިނާގެ އިތުރުން އެކި ޤައުމުތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ބަންޑުންޖަހައިލާފައިވާ އުޅަނދު ފެނިފައި ވަނީ ސްރީ ލަންކާގެ އަސްކަރީ މަނަވަރަކަށެވެ. އެ ބޯޓުގެ ތެރެއިން 14 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަން ސްރީ ލަންކާއިން އިޢުލާނުކޮށްފައި މި ވަނީ، އެ ބޯޓުގައި ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް ބެލެވޭ ކަމުގައި ޗައިނާގެ ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވަނިކޮށެވެ.

ބޯޓު ބަންޑުންޖަހައިލާފައި ވަނީ މޭ މަހުގެ 16 ވަނަ ދުވަހުއެވެ. ބޯޓު ފެނިފައި ވަނީ އޮސްޓްރޭލިޔާގެ ޕަރތްގެ ހުޅަނގުން 5,000 ކިލޯމީޓަރު ދުރުންނެވެ. މި ހާދިސާ ހިނގި ވަގުތު އޭގައި ތިބީ ޗައިނާގެ 17 ފަޅުވެރިންނާއި، އިންޑޮނީޝިޔާގެ 17 ފަޅުވެރިންގެ އިތުރުން ފިލިޕީންސްގެ ފަސް ފަޅުވެރިންނެވެ. ބޯޓު ބަންޑުންޖަހައިލާފައިވާ ކަމަށް ބެލެވެނީ ތޫފާން ފެބިއަންއާ އެކު ރާޅު ބޮޑުވެ، ކަނޑުގަދަވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި ޗައިނާގެ އޮފިޝަލުން ވިދާޅުވެއެވެ.

ސްރީ ލަންކާގެ ކަނޑުގެ ސިފައިން ބުނީ 12 މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ބޯޓުގެ ތެރެއިން ކަމުގައެވެ. އަދި، އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނުނީ ޑައިވަރުންގެ ޓީމުތަކަށް ކަމުގައި ވެސް އެ ފަރާތުން ބުންޏެވެ. އިތުރު މީހުންގެ ހަށިތައް ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި ވެސް ސްރީ ލަންކާގެ އޮފިޝަލުން ވިދާޅުވިއެވެ.

ބޯޓު ފެނިފައި ވަނީ 64,000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ބެލި ފަހުންނެވެ. ބޯޓު ހޯދުމަށް ހިންގި އޮޕަރޭޝަނުގައި ޗައިނާއާއި ސްރީ ލަންކާގެ އިތުރުން އޮސްޓްރޭލިޔާއިން ވެސް ބައިވެރިވިއެވެ. މި މަސައްކަތުގައި އޮސްޓްރޭލިޔާގެ ތިން މަތިންދާބޯޓާއި ހަތަރު ބޯޓު ހަރަކާތްތެރިވިއެވެ.

ބަންޑުންޖަހައިލާފައި ވަނީ ޗައިނާގެ ސަރުކާރުގެ މަސް ކުންފުނި ޕެންގްލައި ޖިންގްލޫ ފިޝަރީޒް ކޮމްޕެނީން އޮޕަރޭޓް ކުރާ އުޅަނދެކެވެ. އެ އުޅަނދު ފެތިފައި ވަނީ ދެކުނު އެފްރިކާގެ ކޭޕް ޓައުނުން ފުރައިގެން ދެކުނު ކޮރެޔާގެ ބުސާނަށް ދަތުރުކުރަމުން ދަނިކޮށެވެ. ކޭޕް ޓައުނުން ބޯޓު ފުރާފައި ވަނީ މޭ މަހުގެ 5 ވަނަ ދުވަހުއެވެ. އެންމެ ފަހުން އެ ބޯޓު ފެނިފައި ވަނީ އިންޑިޔާ ކަނޑުގައި އޮންނަ ފަރަންސޭސިވިލާތުގެ ސަރަޙައްދެއް ކަމުގައިވާ ޣެޔޫނިއަންގެ އިރުދެކުނުންނެވެ.

މި ހާދިސާއާ ގުޅިގެން މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ޗައިނާގެ ބޯޓުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން އެ ޤައުމުގެ ބޮޑުވަޒީރު ލީ ޗިއަންގް ވަނީ އަމުރު ކުރައްވާފައެވެ. ބައިނަލްއަޤުވާމީ ކަނޑުގެ ދުރު ސަރަޙައްދުތަކަށް ދަތުރުކޮށް މަސްވެރިކަން ކުރާ އެންމެ ބޮޑު ސިނާޢަތެއް އޮންނަ ޤައުމަކީ ޗައިނާއެވެ.

ބައިނަލްއަޤުވާމީ ކަނޑުތަކުގައި މަސްވެރިކަން ކުރާ ޗައިނާގެ އުޅަނދުފަހަރުގެ ޢަދަދު 3,000 އަށް ދަށްކުރަން އެ ޤައުމުން 2017 ވަނަ އަހަރު ވަނީ ވަޢުދުވެފައެވެ. ނަމަވެސް، 2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، އެ ޤައުމުން 17,000 އަށްވުރެ ގިނަ އުޅަނދު އޮޕަރޭޓްކުރެއެވެ.