މުނިފޫހިފިލުވުން

ވަރުންގެ ހޮލީވުޑް ފެނިލުން ޕްރިޔަންކާގެ ސީރީޒުން


ބޮލީވުޑް ބަތަލާ އަދި މިހާރު ހޮލީވުޑްގެ ގިނަ ޕްރޮޖްކެޓްތަކުން ފެންނަ ތަރި ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗާޑް އެކުގައި ފެނިގެންދާ އެމެޒޯން ޕްރައިމް ވީޑިއޯގެ "ސިޓަޑެލް" ސީރީޒްއަކީ އިޢުލާން ކުރީންސުރެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ޕްރޮޖެކްޓެކެވެ.

ރުސޯ ބްރަދާސް އިން ޕްރޮޑިއުސް ކުރާ މި ޝޯވގައި އިންޑިއާ ހިމެނޭ ގޮތަށް އެކި ޤައުމުތަކުގެ ވާޝަންތައް ދައްކަން ހަމަޖެހިފައިވާއިރު، "ސިޓަޑެލް" އިންޑިއާ ސީރީޒުން ފެންނާނީ އެކްޓާ ވަރުން ދަވަން އާއި ސަމަންތާ ރޫތު ޕްރަބާއެވެ.

ނަމަވެސް ވަރުން މިހާރު އެއަށްވުރެ ކުރިއަށް ޖެހިލައި "ސިޓަޑެލް" ގެ އިނގިރޭސި ވާޝަން އިން ފެންނަން ދަނީ ތައްޔާރުވެފައެވެ. މީގައި ވަރުން ފެންނާނީ ޚާއްސަ ފެނިލުމަކުންނެވެ. ނަމަވެސް މިއާއިބެހޭ އިތުރު ތަފްޞީލެއް ހާމަކޮށްފައެއްނުވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 28 ގައި ދައްކަން ފެށި "ސިޓަޑެލް" ސީރީޒްގައި ޕްރިޔަންކާއާއި ރިޗާޑް އިތުރުން ސްޓޭންލީ ޓަކީ، ލެސްކީ މެންވިލް، އޭޝްލީ ކަމިންސް، ރޯލަންޑް މޮލާ އަދި އޮޒީ އިކައިލް މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ.

ޑައިރެކްޓަރު އަދި މޮޅު ކޮމެޑީ ފިލްމުތަކެއް ގެނެސްދީފައިވާ ޑޭވިޑް ދަވަންގެ ދަރިފުޅު ވަރުން މިދިޔަ އަހަރު ވަނީ "ބޭޅިޔާ" އާއި "ޖުގް ޖުގް ޖިއޯ" އިން ފެނިފައެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮކްޓޯބަރަށް ތާވަލުކޮށްފައި އޮތް "ބަވާލް" އެވެ.

އޭބީސީގެ ސިލްސިލާ "ކްއަންޓިކޯ" އިން 2015 ވަނަ އަހަރު ހޮލީވުޑް ދަތުރު ފެށި ޕްރިޔަންކާ އެންމެ ފަހުން ފެނުނީ މި މަހުގެ 5 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ލަވް އެގެއިން" އެވެ.