ޚަބަރު

ތައިލެންޑުގެ ޤާނޫނުއަސާސީ އިޞްލާޙްކުރަން އެއްބަސްވެއްޖެ


މޭ 14 ގައި ތައިލެންޑުގައި ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބުކުރި މޫވް ފޯވަރޑް ޕާޓީ (އެމް.އެފް.ޕީ)އާ އެކު ކޯލިޝަން ހަދައިފައިވާ އިތުރު ހަތް ޕާޓީ ގުޅިގެން އެ ޤައުމުގެ ޤާނޫނުއަސާސީ އިސްލާޙުކުރަން އެއްބަސްވެ، އަހުދުނާމާއެއްގައި ސޮއިކޮށްފިއެވެ. އެމް.އެފް.ޕީގެ އިތުރުން ގުޅިފައިވާ ކޯލިޝަންގައި "ޕޫއާ ޓާއީ" ޕާޓީ ވެސް ހިމެނެއެވެ.

ތައިލެންޑުގެ ޢާންމު އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯދައިފައި ވަނީ 42 އަހަރުގެ ޕީޓާ ލިމްޖަރޮއެންލާތްގެ އެމް.އެފް.ޕީންނެވެ. ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވަނީ ޝިނަވަޓްރާ ޢާއިލާގެ ޕޫއާ ޓާއީ ޕާޓީންނެވެ. މި ދެ ޕާޓީ ގުޅިގެން އެކުލަވައިލާފައިވާ ކޯލިޝަނާ އިތުރު ހަ ޕާޓީއަކުން ވަނީ ގުޅިފައެވެ. އައު ކޯލިޝަނާ އެކު ލިމްޖަރޮއެންލާތަށް ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 313 ގޮނޑީގެ ތާއީދު ވަނީ ލިބިފައެވެ.

"މިއަދު ފެނި ހާމަވެގެން މި ދަނީ ސުލްޙަވެރިކަމާ އެކު ޑިމޮކުރަސީގެ ހަމަތަކުގެ މަތިން ސަރުކާރު ބަދަލުކުރެވޭނެ ކަން. މިއީ ވަރަށް ތާރީޚީ ކޯލިޝަނެއް،" ލިމްޖަރޮއެންލާތް ވިދާޅުވިއެވެ. އޭނާގެ ކޯލިޝަނުން ގުޅިފައިވާ އެޖެންޑާއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ލިމްޖަރޮއެންލާތު ވިދާޅުވިއެވެ.

އެމް.އެފް.ޕީއާއި ޕޫއާ ޓާއީ ޕާޓީ ގުޅިގެން އެކުލަވައިލާފައިވާ ކޯލިޝަނާ އެކު ބޮޑުވަޒީރުކަމުގެ މަޤާމުކާމިޔާބު ކުރެއްވޭނެ ކަމަށް ލިމްޖަރޮއެންލާތު ޤަބޫލުކުރައްވައެވެ. ތައިލެންޑުގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ އިތުރުން، މަތީ ސާނަވީ ތަޢުލީމް ޙާޞިލުކޮށް ނިންމާ ދަރިވަރުންނަށް އެ ޤައުމުގެ އަސްކަރިއްޔާގައި ޚިދުމަތްކުރަން މަޖުބޫރުކުރުވުން ހުއްޓައިލުމަށް ވެސް އޭނާގެ ކޯލިޝަނުން ވަނީ ނިންމައިފައެވެ. 2017 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ ތައިލެންޑުގެ އައު ޤާނޫނުއަސާސީއަކީ އެ ޤައުމުގެ އަސްކަރިއްޔާގެ ނުފޫޒާއެކު އިޞްލާޙުކޮށް، އަމަލުކުރަން ފަށާފައިވާ ޤާނޫނުއަސާސީއެކެވެ.

ބޮޑުވަޒީރުކަމުގެ މަޤާމު ކާމިޔާބުކުރައްވަން ލިމްޖަރޮއެންލާތު މަސައްކަތް ކުރެއްވިނަމަވެސް، އެ ކަން ފަސޭހަނުވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އެއް ސަބަބަކީ، ތައިލެންޑުގެ ޤާނޫނުއަސާސީއަށް 2014 ވަނަ އަހަރު ގެނެސްފައިވާ އިޞްލާޙަކާ އެކު، އަސްކަރިއްޔާގެ ނުފޫޒު އޮންނަ ޕާޓީތަކުގެ ބާރު ގަދަވުމެވެ. އަދި، ބޮޑުވަޒީރުކަމުގެ މަގާމު ހޯއްދަވަން ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއާއި މަތިގޭގައި ހިމެނޭ ޖުމުލަ 750 ގޮނޑީގެ ތެރެއިން 376 މެންބަރުންގެ ތާއީދު ލިމްޖަރޮއެންލާތް ހޯއްދަވަން ޖެހިވަޑައިގަންނަވާނެއެވެ.

ލިމްޖަރޮއެންލާތްގެ އެމް.އެފް.ޕީއަކީ ޒުވާނުންގެ ބޮޑު އާބާދީއެއް ތާޢީދުކުރާ، ވަރަށް އައު ޕާޓީއެކެވެ. އެ ޕާޓީން މަސައްކަތް ކުރަމުން ދަނީ ޒަމާނުއްސުރެ ތައިލެންޑުގައި އަމަލުކުރަމުންދާ ޤާނޫނުތަކާ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާށެވެ. މީގެތެރޭގައި، ތައިލެންޑުގެ ޝާހީ ޢާއިލާގެ ޢިއްޒަތާއި އަބުރުރައްކާތެރި ކުރުމަށް ހަދާފައިވާ ޤާނޫނުތައް އިޞްލާޙު ކުރުން ވެސް ހިމެނެއެވެ. އެ ފަދަ ޤާނޫނުތައް ބޭނުންކޮށްގެން، ޚިޔާލުފާޅުކުރުމުގެ ޙައްޤުތައް ހަނިކޮށްފައިވާ ކަމަށް އެ ޤައުމުގެ ގިނަ ޒުވާނުން ގަބޫލު ކުރެއެވެ.