ޚަބަރު

އިންތިޚާބުގެ ދެވަނަ ބުރުގައި އޮޣާންގެ ތާއީދު އުރުދުޣާނަށް


މޭ މަހުގެ 14 ވަނަ ދުވަހު ތުރުކީވިލާތުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ތިންވަނައަށް ދިޔަ ސިނާން އޮޣާން، އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަށް ތާއީދުކުރަން ނިންމަވައި، އެ ކަން އިޢުލާނު ކުރައްވައިފިއެވެ. އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ނުލިބުމުންނެވެ.

އިންތިޚާބުގައި ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލެއްވި އުރުދުޣާނަށް ލިބިވަޑައިގަތީ 49.5 އިންސައްތައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާފައި ވަނީ އިދިކޮޅު ހަ ޕާޓީއެއް ހިމެނޭ ކޯލިޝަންގެ ކެނޑިޑޭޓު ކެމާލް ކްލިޗްތަރޯލޯއެވެ. ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީ.އެޗް.ޕީ) ގެ ކެނޑިޑޭޓު ކަމުގައިވާ ކްލިޗްތަރޯލޯއަށް ކާމިޔާބު ކުރެވުނީ 44.89 އިންސައްތައެވެ. އޭނާއަކީ ހަ ޕާޓީ މައްޗަށް އެކުލެވިގެންވާ ނޭޝަނަލް އެލަޔަންސްގެ ކެނޑިޑޭޓެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އޭ.ޓީ.އޭ. އެލަޔަންސްގެ ކެނޑިޑޭޓުގެ ގޮތުން ވާދަކުރެއްވި އޮއާނަށް ލިބިވަޑައިގަތީ 5.2 އިންސައްތައެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި އުރުދުޣާނަށް ތާއީދުކުރައްވަން އޮޣާން ނިންމެވުމާއެކު، ކްލިޗްތަރޯލޯގެ ކެމްޕޭން ޓީމަށް ވަނީ ނުތަނަވަސްކަމާ ކުރިމަތިވެފައެވެ.

އޮޣާންގެ ތާޢީދާ އެކު އުރުދުޣާނަށް އިންތިޚާބުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، އޮއާނަށް ތާޢީދުކުރާ ހުރިހާ މީހުން އުރުދުޣާނާ އެއްކޮޅަށް ވޯޓުދޭނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އޮއާންގެ އޭ.ޓީ.އޭ. އެލަޔަންސްގައި ހިމެނޭ ޖަސްޓިސް ޕާޓީން ވަނީ ކްލިޗްތަރޯލޯއަށް ތާއީދުކުރަން ނިންމައި، ކޯލިޝަނުން ވަކިވެފައެވެ.

އުރުދުޣާނަށް ތާޢީދުކުރާ ކަން އިޢުލާނު ކުރެއްވުމަށް ފަހު އޮއާން ވަނީ ކްރިޗްތަރޯލޯއާއި އޭނާގެ ނޭޝަނަލް އެލަޔަންސަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ތުރުކީވިލާތުގެ ކުރިމަގު ރައްކާތެރި ކޮށްދެވޭނެ ކަމުގެ ޔަގީންކަން ކްލިޗްތަރޯލޯއަށް ދެވިފައި ނުވާ ކަމުގައެވެ. އަދި، އުރުދުޣާނަށް ތާޢީދުކުރަން ނިންމާފައިވާ މައިގަނޑު ސަބަބަކީ ޓެރެރިޒަމާ ދެކޮޅަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކަމުގައި ވެސް އޮޣާން ވިދާޅުވިއެވެ.

55 އަހަރުގެ އޮއާނާއި އޭނާގެ ވިކްޓްރީ ޕާޓީއަކީ އިމިގްރޭޝަނާ ދެކޮޅު، އަދި ތުރުކީވިލާތަށް ހިޖުރަކުރާ މީހުންގެ ޢަދަދުތައް މަދުކުރަން ވަކާލާތު ކުރަމުންދާ ޕާޓީއެކެވެ. ތުރުކީވިލާތަކީ އެންމެ ގިނަ ޢަދަދަކަށް ބޭރު ޤައުމުތަކުގެ ރެފިއުޖީން ދިރިއުޅެމުންދާ ޤައުމެވެ. އަދި، ކުރުދީ ދަރިކޮޅުގެ މީހުން ނިސްބަތްވާ ޕާޓީތައް ތުރުކީވިލާތުގެ ސިޔާސީ މަސްރަޙުން ފޮހެލުމަކީ އޭނާގެ އެއް އަމާޒު ކަމުގައިވެސް އޮޣާން ވަނީ ވިދާޅުވެފައެވެ.

އުރުދުޣާނަށް ތާޢީދުކުރަން ނިންމެވުމުން އުރުދުޣާން ވަނީ އޭނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، އުރުދުޣާންގެ ޕީޕަލްސް އެލަޔަންސް ކޯލިޝަނާ އޮއާންގެ އޭ.ޓީ.އޭ. އެލަޔަންސް ގުޅުމަކީ، ތުރުކީވިލާތާއި އެ ޤައުމުގެ ރައްޔިތުންގެ ކުރިމަގަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވެސް އުރުދުޣާން ވިދާޅުވިއެވެ. އަދި، އޮޣާންގެ ވިކްޓްރީ ޕާޓީން އެދޭ ގޮތަށް އިމިގްރޭޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އުރުދުޣާން ވިދާޅުވިއެވެ.

މޭ 14 ވަނަ ދުވަހު ބޭއްވި ރިޔާސީ އަދި ޢާންމު އިންތިޚާބުގެ ނަތީޖާގައި އޮޅުވައިލުންތަކެއް ހުރި ކަމަށް ކްރިޗްތަރޯލޯގެ ކޯލިޝަނުން ތުހުމަތު ކޮށްފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތައަށް ވުރެ މަތިން ކާމިޔާބު ނުކުރެވުމުން ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މޭ މަހުގެ 28 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބާ އެކުއެކީގައި ބޭއްވި ޢާންމު އިންތިޚާބުގައި ކުރި ހޯދާފައި ވަނީ އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭ.ކޭ. ޕާޓީ) އިންނެވެ. އަދި، އެ ޕާޓީއާ އިއްތިހާދުވެފައިވާ ނޭޝަނަލިސްޓް މޫވްމަންޓް ޕާޓީ (އެން.އެޗް.ޕީ)އިން ވަނީ 10 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފައެވެ.