ޚަބަރު

ވިލާތުގެ އިސްވެރިން ސޯލްގައި، އެޖެންޑާއި ޔޫކްރެއިނާއި އުތުރު ކޮރެޔާ


ވިލާތުގެ އިއްތިހާދު (އީ.ޔޫ) ކައުންސިލްގެ ރައީސް ޝާލް މިޝޭލާއި އީ.ޔޫ. ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑެ ލަޔަން ދެކުނު ކޮރެޔާއަށް ވަޑައިގަންނަވައި އެ ޤައުމުގެ ރައީސް ޔޫން ސުކް-ޔޯލާ ބައްދަލުކުރައްވައިފިއެވެ. ތިން ބޭފުޅުން ބޭއްވެވި މަޝްވަރާތަކުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، އުތުރު ކޮރެޔާގެ ހަތިޔާރު ޕުރޮގުރާމާއި، އީ.ޔޫއާއި ދެކުނު ކޮރެޔާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމެވެ.

މިޝޭލާއި ވޮން ޑެ ލަޔަން ސޯލްއަށް ވަޑައިގަންނަވާފައި މި ވަނީ ދެކުނު ކޮރެޔާއާއި އީ.ޔޫއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށެވެ. މިއީ، އެ ދެ ބޭފުޅުން ސޯލްއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޔޫންއާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އުތުރު ކޮރެޔާގެ މައްސަލައިގެ އިތުރުން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

"ބައިނަލްއަޤުވާމީ އެކި ދާއިރާތަކުން ދެކުނު ކޮރެޔާއާއި އީ.ޔޫއާ ދެމެދު ދަނީ ގުޅުން ބަދަހިކުރަމުން. ފާއިތުވި 60 އަހަރުގެ ތެރޭގައި މިނިވަންކަމާއި އިންސާނީ ހައްޤުތައް ހިމާޔަތްކުރުމާއި، ޤާނޫނީ ހުކޫމަތު ނެގެހެއްޓުމަށް ދެ ފަރާތުން ގުޅިގެން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި. އަދި، ސިޔާސީ އަދި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ބައިނަލްއަޤުވާމީ މައްސަލަތައް ހައްލު ކުރުމުގައި ދެ ފަރާތުން ވަނީ ގުޅިގެން މަސައްކަތްކޮށްފައި،" ޔޫން ވިދާޅުވިއެވެ.

އުތުރު ކޮރެޔާއިން ފަހަކަށް އައިސް ގިނަ ޢަދަދެއްގެ ބެލިސްޓިކް މިސައިލް ޓެސްޓުތަކެއް ހެދުމާ ގުޅިގެން ތިން ބޭފުޅުން ވަނީ އެ ކަން ކުށްވެރި ކުރައްވާފައެވެ. އަދި، އެ ޤައުމުން ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓައިނުލައި ކުރިއަށްގެންދާތީ އެ ކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އުތުރު ކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު އުފައްދަން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލަން އެ ޤައުމަށް ބާރުއެޅުމަށް މިޝޭލާއި ވޮން ޑެ ލަޔަން ވަނީ ޔޫން އަރިހުން އެދިވަޑައިގަންނަވާފައެވެ.

"އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ސުލްޙައަށް ވެސް އޮތް ނުރައްކަލެއް ކަން އީ.ޔޫއާއި ދެކުނު ކޮރެޔާއިން ގަބޫލުކުރޭ. އެ ޕުރޮގުރާމް ހުއްޓުމަކަށް ގެނައުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން ވާނީ އެއްބަސްވެފައި،" ޔޫން ވިދާޅުވިއެވެ.
ދެކުނު ކޮރެޔާއަކީ އީ.ޔޫގެ އިތުރުން އެމެރިކާއަށް ވެސް މުހިންމު ވިޔަފާރީގެ ބައިވެރިއެކެވެ. އެންމެ ބޮޑު އެއް ސަބަބަކީ، ދެކުނު ކޮރެޔާއަކީ އެންމެ ގިނައިން ކޮމްޕިޔުޓަރ ޗިޕް އުފައްދާ ޤައުމު ކަމުގައިވުމެވެ. އެމެރިކާއާއި ޗައިނާއާ ދެމެދު ފެށިފައިވާ ކޯޅުންގަނޑުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ކޮމްޕިޔުޓަރ ޗިޕްގެ ދަތިކަމެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ދެކުނު ކޮރެޔާއާ އެކު ގާތް ގުޅުމެއް ބޭއްވުމަށް އީ.ޔޫގެ އިތުރުން އެމެރިކާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ރަޝިޔާއިން ޔޫކްރެއިންގައި ފަށާފައިވާ ހަނގުރާމައިގައި ވެސް ދެކުނު ކޮރެޔާއަކީ މުހިންމު ދައުރެއް އަދާ ކުރެވޭނެ ޤައުމެއްގެ ގޮތުގައި ހުޅަނގުން ދެކެއެވެ. އެންމެ ގިނައިން ހަތިޔާރުގެ ވިޔަފާރިކުރާ ޤައުމުތަކުގެ ލިސްޓުގެ ނުވަވަނައިގައި އޮތީ ދެކުނު ކޮރެޔާއެވެ. ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދޭން އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދެކުނު ކޮރެޔާއަށް ބާރުއަޅަމުންދިޔަ ނަމަވެސް، އެ ކަމަށް ދެކުނު ކޮރެޔާއިން އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް، ދެކުނު ކޮރެޔާއިން ދަނީ ޔޫކްރެއިނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހަފުތާގެ ކުރީކޮޅު ޖަޕާނުގެ ހިރޮޝީމާގައި ބޭއްވި އިޤުތިޞާދީ ދާއިރާއިން އެންމެ ކުރިއަރާފައިވާ ގްރޫޕް އޮފް ސެވަން (ޖީ7)ގެ މެންބަރު ޤައުމުތަކުގެ ސަމިޓުގެ ހަވާސާއި ޔޫން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލުކުރައްވާފައެވެ. ޔޫކްރެއިނަށް އަސްކަރީ ދާއިރާތައް ނޫން އެހެން ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެކުނު ކޮރެޔާއިން ދެމިއޮންނާނެ ކަމުގައި އެ ބައްދަލުވުމުގައި ޔޫން ވިދާޅުވިއެވެ.