ޚަބަރު

ކަނޑަށް ކުނިއެޅުމުން ތިންލައްކައިން ކުރެއްވި ޖޫރިމަނާ، ހެކި ނެތިގެން 45000 ރ އަށް


މޫދަށް ކުނިއެޅުމާ ގުޅިގެން ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓަށް ކުރެއްވި 3 ލައްކަ ރުފިޔާގެ ޖޫރިމަނާ، އެކަށީގެންވާ ހެކި ނެތުމުން 45000 ރުފިޔާއަށް ކުޑަކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އަލިމަތާ ރިސޯޓް ޖޫރިމަނާކުރއްވީ، 312750 ރުފިޔާއިންނެވެ. ނަމަވެސް އެ ރިސޯޓުން މައްސަލަ އިސްތިއުނާފް ކުރުމާ ގުޅިގެން، މައްސަލަ ބެއްލެވުމަށްފަހު އީޕީއޭއިން ކަނޑައެޅުއްވި ޖޫރިމަނާ އިސްލާޙްކުރައްވަން އެންވަޔަރަމަންޓް މިނިސްޓްރީން އެންގެވީ ކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

މި މައްސަލައިގައި އަލިމަތާ ރިސޯޓް ޖޫރިމަނާކުރެއްވީ، 2-3 މަސް ދުވަހުގެ މުއްދަތަށް، އެރިސޯޓުން މޫދަށް ކުނިއަޅަމުން ދިޔަ ކަމަށް ވިދާޅުވެއެވެ. ނަމަވެސް ޖޫރިމަނާ އިޞްލާޙްކުރެއްވުމަށް މިނިސްޓްރީން އިޕީއޭއަށް އަންގަވައިފައިވަނީ، އަލިމަތާ ރިސޯޓުން ގަވައިދާ ޚިލާފަށް ކަނޑަށް ކުނިއެޅިކަން ކަށަވަރުވާނެ ފަދަ ލިޔެކިޔުމެއް ނެތުމާއި، އަދި މިއީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ ޚިލާފުވެގެން، އެ ރިސޯޓަށް ފިޔަވަޅުއެޅޭ ފުރަތަމަ ފަހަރުކަމަށްވާތީ ކަމަށް އީޕީއޭއިން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ކުރިން ކުރައްވައިފައިވާ 312750 ރުފިޔާގެ ޖޫރިމަނާ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ތަންފީޒުކުރައްވާ ކުނިމެނޭޖުކުރުމުގެ ގަވާއިދުގެ ދަށުން މި ޖޫރިމަނާ 45000 ރުފިޔާއަށް ވަނީ ދަށްކުރައްވައިފައެވެ.

އަދި މިޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގަވައިފައެވެ. އަދި މިހާރު ރިސޯޓްތަކުގައި އުފެދޭ ކާބޯތަކެތީ ބާކީ ބަޔާއި، ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ކުންޏާމެދު ޢަމަލުކުރާނެ ގޮތަކީ ކޮބައިކަން ބަޔާންކޮށް، ކުނި މެނޭޖްކުރުމުގެ ޕްލޭން އޮތްގޮތް އީޕީއޭއަށް ހުށައެޅުމަށް ވެސް އެ ރިސޯޓަށް ވަނީ އަންގަވައިފައެވެ.