ޚަބަރު

ބްރެޒިލްގައި ދޫނިރޯގާ ފެތުރޭތީ ކުއްލި ހާލަތު އިޢުލާނުކޮށްފި


ބްރެޒިލްގައި ދޫނިރޯގާ ފެތުރުން އިތުރުވުމާ ގުޅިގެން ޖަނަވާރުތަކުގެ ޞިއްޙަތު ރައްކާތެރި ކުރުމަށް ކުއްލި ހާލަތު އިޢުލާނުކޮށްފިއެވެ. ބްރެޒިލްގައި ކުއްލި ހާލަތު އިޢުލާނުކޮށްފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. ކުއްލި ހާލަތު އިޢުލާނު ކުރުމުގެ ބޭނުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުން ކަމުގައި ބްރެޒިލްގެ ސަރުކާރުން ބުނެއެވެ.

ދޫނިރޯގާ ނުވަތަ އެޗް.5.އެން.1 ޖެހިފައިވާ ޖަނަވާރުތައް ފެނިފައިވާ ސްޓޭޓްތަކުގެ ތެރޭގައި އެސްޕިރިތޫ ސާންތޯއާއި ހިއޮ ޑި ޖެނެއިރޯ ހިމެނެއެވެ. އެސްޕިރިތޯ ސާންތޯއިން ބަލީގެ ހަތަރު ކޭސް ފެނިފައިވާއިރު، ހިއޯއިން އިތުރު ކޭސްއެއް ފެނިފައިވާ ކަމުގައި ބްރެޒިލްގެ އޮފިޝަލުން ވިދާޅުވެއެވެ. ބްރެޒިލްއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނަ ޢަދަދަކަށް ކުކުޅު މަސް އެކްސްޕޯޓްކުރާ ޤައުމެކެވެ. މިއީ އަހަރަކު 10 ބިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ބްރެޒިލަށް ލިބޭ ވިޔަފާރިއެކެވެ. އަދި، މިހާރު ބަލި ފެތުރެމުން ދަނީ ކުކުޅާއި ދޫނީގެ ވިޔަފާރި އެންމެ ބޮޑު ދެކުނުގެ ސަރަޙައްދުތަކުގައެވެ.

މީގެ ކުރިން ވެސް ބްރެޒިލްގެ ދެކުނުގެ ސަރަޙައްދުތަކުން ދޫނިރޯގާ ފެނި، އެ ޤައުމުގެ އެހެން ސަރަޙައްދުތަކުގައިވާ ދަނޑުތަކަށް ފެތުރިފައިވެއެވެ. ދޫނިރޯގާ ފެތުރެން ފެށުމާ އެކު، މީގެ ކުރިން އެ ޤައުމުގައި ގިނަ ޢަދަދެއްގެ ކުކުޅާއި ދޫނި މަރައިލާފައިވެއެވެ. އަދި، ކުކުޅާއި އެހެން މަސް ބޭރުކުރުން ވަގުތީ ގޮތުން މެދުކަނޑައިލާފައިވެއެވެ.

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޫނިރޯގާ ފެތުރެމުންދާ ކަމުގައި ކަމާ ބެހޭ މާހިރުން ވިދާޅުވެއެވެ. މި ބަލީގައި އެތަކެއް ހާސް ކުކުޅަކާއި ދޫނި މަރުވެފައިވާއިރު، "މެމަލް" ޢާއިލާގެ އެހެން ޖަނަވާރުތަކަށް ވެސް މި ބަލި ފެތުރިފައިވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ދޫނިރޯގާ ފެތުރެމުންދާ ސަބަބު ދެނެގަތުމަށް ސައިންސްވެރިން ދަނީ ދިރާސާ ކުރަމުންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވަނީ، ދޫނި ރޯގާ ފެތުރެމުންދާ ޤައުމުތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމުގައި ބުނެފައެވެ. އަދި، މި ބަލި "މިޔުޓޭޓްވެ" އެހެން ޖަނަވާރުތަކާއި އިންސާނުންގެ ހަށިގަނޑަށް ހަލުވިކަމާ އެކު ވާސިލުވުމުގެ ފުރުޞަތު އޮތްތޯ ބެލުމަށް ދިރާސާތައް ކުރަމުންދާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ. މި ބައްޔަކީ ދޫނީގެ ފުށުން އިންސާނުންގެ ހަށިގަނޑަށް ޖެހުމުގެ ފުރުޞަތު އޮންނަ ނުރައްކާތެރި ބައްޔެކެވެ.