ކުޅިވަރު

ވެސްޓަން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދައި ނަގެޓްސް އެންބީއޭ ފައިނަލްސްއަށް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ވެސްޓަން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދާ އެންބީއޭ ފައިނަލްސްއިން ޑެންވަރ ނަގެޓްސް ޖާގަ ހޯދައިފިއެވެ.

ވެސްޓަން ކޮންފަރެންސްގެ ޕްލޭ އޮފްސްގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ނަގެޓްސް ކޮންފަރެންސް ފައިނަލްސް ކާމިޔާބުކުރީ ހަތްވަނައަށް ސީޑް ކުރެވިފައިވާ ލޮސް އެންޖަލިސް ލޭކަރސް އާއި ބައްދަލުކޮށް ސީދާ ހަތަރު މެޗުން ކާމިޔާބުކޮށްގެންނެވެ.

ލޮސް އެންޖަލިސްގައި މިއަދު ހެނދުނު ކުޅުނު ހަތަރު ވަނަ މެޗް ނަގެޓްސް ކާމިޔާބު ކުރީ ފަހަތުންއަރާ 113 ޕޮއިންޓް 111 ޕޮއިންޓުންނެވެ. މިމެޗްގެ ފުރަތަމަ ދެކްއާޓަރ ނިމުނުއިރު ލޭކަރސްއިން ވަނީ 15 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި މިއާއެކު މިފައިނަލްސް ފަސްވަނަ މެޗަކަށް ހިނގައިދާނެކަމަށް ގިނަ ބަޔަކަށްހީވެގެންދިޔައެވެ. ނަމަވެސް ނަގެޓްސްއިން ވަނީ ތިންވަނަ ކުއާޓަރގައި މޮޅު ކުޅުމެއް ދައްކާ ފަހަތުން އަރާ ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި ފަހު ކްއާޓަރގައި ލޭކަރސްއިން މިތަފާތު ކުޑަކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.

މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗް ވަނީ 30 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ 13 އެސިސްޓްކޮށް، ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. މިއީ މިފަހަރުގެ ޕްލޭ އޮފްސްގައި އޭނާ ހެދި އަށްވަނަ ޓްރިޕްލް ޑަބަލްއެވެ. އެއާއެކު އޭނާ މިވަނީ 1967 ވަނަ އަހަރު ވިލްޓް ޝެމްބަރލެއިން ހަދާފައިވާ ޓްރިޕްލް ޑަބަލްގެ ރިކޯޑް މުގުރާލާފައެވެ. މިމެޗްގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 40 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 9 އެސިސްޓް ދިން ލެބްރޮން ޖޭމްސްއެވެ.

މިކާމިޔާބީއާއެކު ޑެންވަރ ނަގެޓްސް މިވަނީ ވެސްތަން ކޮންފަރެންސްގެ ފައިނަލްސް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމުގެ އިތުރުން އެން.ބީ.އޭ. ފައިނަލްސްއިން ފުރަތަމަ ފަހަރަށް ޖާގަ ހޯދާފައެވެ. އެން.ބީ.އޭ. ފައިނަލްސްގައި ނަގެޓްސް ބައްދަލުކުރާނީ އީސްޓަން ކޮންފަރެންސްގައި ބޮސްޓަން ސެލްޓިކްސް އާއި މައޭމީ ހީޓްގެ މެދުގައި ކުޅެމުންދާ ފައިނަލްސް ކާމިޔާބު ކުރާ ޓީމަކާއެވެ.

މިސީރީޒްގެ ފުރަތަމަ ތިން މެޗްވަނީ އަށް ވަނައަށް ސީޑް ކުރެވިފައިވާ ހީޓް ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިސީރީޒް އެޓީމުން ކާމިޔާބު ކުރާނެކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ. ސެލްޓިކްސްއިން މިކަން މިހެން ވިޔަ ނުދޭން ބޭނުންނަމަ ޖެހޭނީ ކުރިއަށް އޮތް ހަތަރު މެޗް ކާމިޔާބު ކުރާށެވެ. އެހެން ވެއްޖެނަމަ އެކަން ވެގެންދާނީ އެން.ބީ.އޭ.ގެ އާ ރިކޯޑަކަށެވެ. މީގެ ކުރިން ފުރަތަމަ ތިން މެޗުން ބަލިވެފައިވާ ޓީމަކަށް ފައިނަލްސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެން.ބީ.އޭ. ފައިނަލްސް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. ފައިނަލްސްގެ ދެވަނަ ޖާގަ ހީޓްއިން ކަށަވަރުކޮށްފި ނަމަ ފައިނަލްސްގެ ފަށާނީ ނަގެޓްސްގެ ކޯޓުންނެވެ.