ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ ގަޔާނާގެ ސްކޫލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 19 ދަރިވަރުން މަރުވެއްޖެއެވެ. އަލިފާން ރޯވެފައި ވަނީ ގަޔާނާގެ މެދުތެރޭގައި އޮންނަ މަހްދިޔާގައި ހުންނަ ސާނަވީ ސްކޫލެއްގެ ޑޯމިޓަރީގައެވެ. އެ ތަނުގައި އަލިފާން ރޯވެފައި ވަނީ ދަންވަރުގެ ވަގުތު، ދަރިވަރުން ނިދާފައި ތިއްބައެވެ.
ގަޔާނާގެ އޮފިޝަލުން ވިދާޅުވީ ޑޯމިޓަރީގައި ރޯވެ، ނިދާފައި ތިބި ދަރިވަރުން އެ ތަނުގެ ތެރޭގައި ތާށިވި ކަމުގައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެ ތަނުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވިފައި ވަނީ ގިނަ އިރުތަކެއް ފަހުންނެވެ. އެ ތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ކުރަން ފަށާފައިވާއިރު، އެ ތަނުގައި ބަޔަކު ގަސްދުގައި ރޯކޮށްލާފައިވާ ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
މި ހާދިސާގައި އެ ސްކޫލްގެ ގިނަ ޢަދަދެއްގެ ދަރިވަރުންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. ބައެއް ކުދިން ފިހިފައިވާއިރު، އިތުރު ކުދިންގެ ނޭވާލާ ނިޒާމަށް ދުމުގެ އަސަރު ކުރުމުގެ ސަބަބުން ފަރުވާދޭން ޖެހުނު ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. ހާލު ސީރިޔަސް ކުދިން ވެރިރަށް ޖޯޖްޓައުންގައި ހުންނަ ހޮސްޕިޓަލްތަކަށް ބަދަލުކޮށްގެން ފަރުވާ ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
"މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް. ބޮޑު ކާރިސާއެއް،" މި ހާދިސާއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގަޔާނާގެ ރައީސް އިރުފާން ޢަލީ ވިދާޅުވިއެވެ. މި ހާދިސާގައި ޒަޚަމުވި ދަރިވަރުންނަށް ޞިއްޙީ ފަރުވާ ދިނުމަށް އޮފިޝަލުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ގަޔާނާގެ ބޮޑުވަޒީރު މާލް ފިލިޕްސްގެ އިތުރުން ދާޚިލީ ވަޒީރު ރޯބްސަން ބެން ވެސް ވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވާ ސްކޫލް ހުންނަ ސަރަޙައްދަށް ވަޑައިގަންނަވާފައެވެ.