ޚަބަރު

ބިދޭސީ ވިޔަފާރިތައް ހުއްޓުވުމަށް ޤަވާއިދެއް، ހަރުކަށި ފިޔަވަޅުތަކެއް


ދިވެއްސެއްގެ ނަމުގައި ރެޖިސްޓްރީކޮށް، ބިދޭސީއަކަށް އޭގެ މަންފާ ލިބޭގޮތަން ހިންގާ ވިޔާފާރިތަކާމެދު ހަރުކަށި ފިޔަޅުތައް އެޅޭގޮތަށް "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤަވައިދު" އެކުލަވާލައި ޢަމަލުކުރަން ފަށައިފިއެވެ.

"އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤަވައިދު"ގެ ނަމުގައި އެކުލަވާލާ ޢަމަލުކުރަން ފެށި މިޤަވާއިދުގެ މަޤުސަދަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި، ހިންގުމާއި، ބާޠިލުކުރުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުމެވެ. މި ޤަވާއިދުގައި އެންމެ މުހިންމު ޝަރުތެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އަމިއްލައަށް ހިންގާ ފިޔަވާރިތަކަކީ ދިވެހިންގެ ކޮންޓްރޯލްގައި ހިންގާ ވިޔަފާރިތަކެއްކަން ކަށަވަރުކުރުމެވެ.

ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށްފައި ވީނަމަވެސް، ބިދޭސީން ވިޔަފާރިކޮށް އޭގެ މަންފާ ހޯދާކަމުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެވެ. ފިހާރަތަކާއި މާރުކޭޓު ގޮޅި ހިންގުމާއި، މިނޫވެސް އެތަށް ވިޔަފާރިއެއް ބިދޭސީންގެ ކޮންޓްރޯލްގެ ދަށުން ހިންގަމުންދެއެވެ. އަލަށް އެކުލަވާލާ ޢަމަލުކުރަން ފެށި ޤަވާއިދުގައި، ރާއްޖޭގައި ބިދޭސީން ކޮންޓްރޯލު ނަގައިގެން ވިޔަފާރި ހިންގުމުގެ މައްސަލައަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށްފައިވެއެވެ.

އައު ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ މީހަކަށް މަންފާ ލިބޭގޮތަށް އެއްވެސް ފަރާތަކުން "އަމިއްލަ ފަރުދުންގެ ވިޔަފާރި"އެއް ހިންގުމަކީ މަނާކަމެކެވެ. އަދި އެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ދިވެހި މީހާއަށްވެސް މި ޤަވާއިދު ބަޔާންކުރާގޮތުން ފިޔަވަޅު އެޅޭނެއެވެ.

ޤަވާއިދުގައިވާގޮތުން، އަމިއްލަ ވިޔަފާރީގެ މުޢާމަލާތަކާ ގުޅިގެން ބިދޭސީއެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާކަމުގެ ހެކި ހުރެއްޖެނަމަ، އެ ވިޔަފާރިއަކީ ސިދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީއަކަށް މަންގާ ލިބޭ ވިޔަފާރިއެއްކަމަށް ކަނޑައަޅާ، ފިޔަވަޅު އެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެއެވެ.

މިފަދަ މައްސަލައެއް ހުށައަޅާ ސާބިތުވެއްޖެނަމަ، ވިޔަފާރިގެ މަސްއޫލުވެރި ފަރާތް 100،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ބާޠިލުކޮށް، 5އަހަރުގެ މުއްދަތަށް، "އަމިއްލަ ފަރުދުންގެ ވިޔަފާރީ"ގެ ގޮތުން ވިޔަފާރިއެއް ރަޖިސްޓްރީ ނުކުރެވޭ މީހެއްގެ ގޮތުގައި އެމީހަކު ކަނޑައަޅާނެއެވެ.

މިފަދަ ކަމަކާއި ގުޅިގެން އެއްވެސް ވިޔަފާރިއެއްގެ ރެޖިސްޓްރީ ބާތިލުކޮށްފިނަމަ، އޭގެ ސަބަބު އާއްމުކޮށް އަންގާ އިޢުލާންކުރާނެކަމަށްވެސް ޤަވާއިދުގައިވެއެވެ. އަދި ބިދޭސީއަކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގައި ނުވަތަ، ގެންދިއުމުގައި މިފަދަ މައްސަލައަކަށް ޝައްކު އުފެދޭނަމަ، އެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެންގުމަކީ ބޭންކުތަކާއި، މިފަދަ ޚިދުމަތުގައި ޝާމިލުވާ ފަރާތްތަކުން ޒިންމާވާންޖެހޭ ކަމެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅާފައެވެ.

މި ގަވައިދުގެދަށުން ބަލާނެ އިތުރު ކަންކަމުގެ ތެރޭގައި ވިޔަފާރިކުރާ ތަނުގެ ނަން ރަޖިސްޓްރީކޮށްފައިވޭތޯ ބެލުމާއި، އެހެން ޤާނޫނުތަކުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނަގާފައިވޭތޯ ބެލުން ހިމެނެއެވެ. އަދި ވިޔަފާރިކުރާ ތަނުގެ ބޭރުގައި މުދާ ބަހައްޓާނަމަވެސް މި ޤަވާއިދުގެދަށުން ފިޔަވަޅުއަޅާނެއެވެ. މިފަދަ ކަމަކާ ޚިލާފުވެއްޖެނަމަ 1،000 ރުފިޔާއާއި 100،000 ރުފިޔާއާއި ދެމެދުގެ ޢަދަދުން ޖޫރިމަނާކުރާނެއެވެ.

މި ޤަވާއިދުގައި ހިމެނޭ އިތުރު ކަންކަމުގެ ތެރޭގައި ވިޔަފާރިތަކަށް ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނީ އޮންލައިންކޮށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށް ދަތިވާ މީހެއްނަމަ އެ މީހެއްގެ ފޯމު ފުރިހަމަކުރަންވާނ،ީ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް މެދުވެރިކޮށްކަމަށްވެސް ޤަވާއިދުގައިވެއެވެ. އަދި އެފަދަ ޚިދުމަތެއް ފޯރުކޯށްދޭނެމަ ޢާންމުކޮށް އިޢުލާންކުރުމަށްފަހު، 100 ރުފިޔާއަށް ވުރެ ބޮޑު ނޫން ފީއެއް ނެގޭނެކަމަށް ބުނެފައިވެއެވެ، މީގެ އިތުރުން ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަމެއް، 14 ދުވަހުގެ މުއްދަތައް ރިޒަރވްކޮށްފައިވާ ބެހެއްޓުމުގެ ފުރުޞަތުވެސް މިނިސްޓްރީއަށް މި ޤަވާއިދުގެ ދަށުން ލިބިދެއެވެ.


މި ޤަވާއިދު ބުނާގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. މީގެ އިތުރުން މި ޤަވާއިދުގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގާ ތަން ބަލައި ފާސްކުރުމަށް، އިންސްޕެކްޓްކޮށްކުރާނެއެވެ. އަދި ޤާނުނާއި ޤަވާއިދުތަކުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ނުވާނަމަ އެތަނެއް 1،000 ރުފިޔާއާއި 100،000އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް ރަޖިސްޓްރަރއަށް ލިބިގެންވެއެވެ.


އިކޮނޮމިކް މިނިސްޓްރީގެތަފާސް ހިސާބުތައް ދައްކާގޮތުގައި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން 22،000އަށްވުރެ ގިނަ ވިޔަފާރި ރާއްޖޭގައި ހިންގައެވެ.

މި ޤަވައިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. އަދި މިޤަވާއިދަށް ވިޔަފާރިތައް ހޭލުންތެރިކޮށް އަހުލުވެރިކުރުމަށް ޕްރޮގްރާމްތައް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.