ކުޅިވަރު

އެފްއޭއެމަށް މި އަހަރު 85 މިލިޔަން ރުފިޔާގެ ބަޖެޓެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް މި އަހަރު 85 މިލިޔަން ރުފިޔާގެ އަރަނި ބަޖެޓެއް ފާސްކޮށްފިއެވެ.

މިރޭ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި 85 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވަނީ މެންބަރު ހުރިހާ ކުލަބެއްގެ އިއްތިފާގުންނެވެ.

މި ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކޮވިޑަށްފަހު އެ އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކަށް ރާއްޖޭން ސްޕޮންސަރުން ހޯދުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރާއެކު މަޝްވަރާ ކުރެއްވުމަށްފަހު، ސަރުކާރު ކުންފުނިތަކުން ސްޕޮންސަރ ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، އެގޮތުން އެމްޑަބްލިއުއެސްސީން ދިވެހި ޕްރިމިއަރ ލީގު ސްޕޮންސަރ ކުރުމަކީ އެޅުނު ހެޔޮފާލެއް ކަމުގައި ދެކޭ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ 85 މިލިޔަން ރުފިޔާގެ ބަޖެޓެއް މި އަހަރަށް ފާސްކުރިއިރު، އެ ބަޖެޓުގެ ބޮޑު ބަޔަކީ "ޓުވާޑްސް ފިއުޗާގެ" ދަށުން ޒުވާން ކުޅުންތެރިން ތަމްރީނު ކުރުމަށާއި، އެކެޑަމީތަކަށް ޚަރަދުވާނެ ބައެއް ކަމަށެވެ. އަދި ބަޖެޓުގެ ބޮޑު ބައެއް އެފްއޭއެމުގައި ހުރި ގޯޑައުންތައް ކުއްޔަށް ދީގެން ހޯދަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، މި އަހަރަށް ޚަރަދުވާނެ ކަމަށް ބެލެވެނީ 83 މިލިޔަން ރުފިޔާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމުން މިދިޔަ އަހަރު ނިންމާލީ ދަރަނި ބަޖެޓެއްގައެވެ. އެގޮތުން މިދިޔަ އަހަރު 88.9 މިލިޔަން ރުފިޔާގެ ބަޖެޓެއް އެފްއޭއެމުން ކަނޑައެޅިއިރު، އެއީ 8.6 މިލިޔަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. އެކަމަކު ބައްސާމް ވިދާޅުވީ، މިިދިޔަ އަހަރު އެ އިދާރާ ނިންމާލީ ހަ މިލިޔަން ރުފިޔާގެ ދަރަންޏާއެކުގައި ކަމަށެވެ.