ކުޅިވަރު

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޤައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފި


އަންން ޖޫން މަހު އިންޑިއާގެ ބެންގަލޫރުގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޤައުމީ ފުޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފެށިއިރު، ކުރިން އިއުލާނުކުރި 40 ކުޅުންތެރިންގެ ސްކޮޑު ވަނީ 30 އަށް މަދުވެފައެވެ. އެހެންކަމުން ފަރިތަކުރުންތައް ކުރިއަށްދަނީ 30 ކުޅުންތެރިންނާއެކުގައެވެ.

ޤައުމީ ޓީމުގެ ސްކޮޑުން ބާކީވި 10 ކުޅުންތެރިންގެ ތެރޭގައި ކުލަބު އީގަލްސްގެ ކެޕްޓަން ރިޒްވާން އަޙްމަދު (ރިޒޭ) އާއި، ކުލަބު ވެލެންސިއާގެ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޔާމީން (ޔާނު) އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ހަސަން ނަޒީމް (ޗޯޓު) އާއި، ބުރު ސްޕޯޓްސް ކުލަބުގެ މުޙައްމަދު ސާއިފާއި، ކުލަބު ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަންޞަރު އިބްރާހީމް (އަންކޮ) އާއި އަދި އެ ކުލަބުގެ މުޙައްމަދު ޖައިލަމް (އޮގީ) ހިމެނެއެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު ފަރިތަކުރުންތައް ފެށިއިރު، ޓީމުން އަންނަނީ އަންނަ މަހު ޖަޕާނުގައި ތަމްރީނުތަކެއް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ އިންޑިއާގެ ބެންގަލޫރުގައި ޖޫން މަހުގެ 23 އިން ޖުލައި މަހުގެ 4 ގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގެ ސާފް ސަރަހައްދުން ކުޅެވޭ ހަ ޤައުމުގެ އިތުރުން، ސަރަހައްދުން ބޭރުން ދެ ގައުމަކަށް ދައުވަތު ދީގެން، އަށް ޓީމުގެ މެދުގައި މުބާރާތް ބާއްވަން ވަނީ ނިންމާފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފޯމެޓް ރޭވިފައިވާ ގޮތުން މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި، ޕާކިސްތާނާއި، ކުވެއިތުގެ އިތުރުން ނޭޕާލެވެ. އަދި ރާއްޖެ އާއެކު ގްރޫޕް ބީގައި ހިމެނެނީ ލުބުނާނާއި، ބޫޓާން އަދި ބަންގްލަދޭޝްއެވެ.