ތަޢުލީމު

ހއ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލް ޑިޖިޓަލް ކުރަނީ


މިއަހަރުގެ ނިޔަލަށް ހއ.އުތީމު ޣާޒީ ބަންޑާރައިން ސްކޫލް ޑިޖިޓަލް ކުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް އެސްކޫލުން ވިދާޅުވެއްޖެއެވެ. މި މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާ ކަމަށްވެސް އެ ސްކޫލުން ވިދާޅުވެއެވެ.

ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުންވެސް މިހާރު އަންނަނީ ސްކޫލްތައް ޑިޖިޓަލް ކުރަމުންނެވެ. އެގޮތުން ސްމާޓް ބޯޑް ތަޢާރަފް ކުރުމާއި، ކޮމްޕިއުޓަރ ސިސްޓަމްތައް ބޭނުންކޮށްގެން ކިޔަވައިދެއްވުމުގެ ކަންކަން ސްކޫލްތަކުން ކުރިޔަށްގެންދަވައެވެ.

އުތީމުގައި ހުންނަ ޣާޒީ ބަންޑާރައިން ސްކޫލަކީވެސް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ސްކޫލެކެވެ. 150 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާ މި ސްކޫލް ޑިޖިޓަލް ކުރުމައްޓަކައި މިދިޔަ އަހަރު ފެށި މަޝްރޫއު ކުރިއަށް ގެންދަވަނީ، ސްކޫލު ބޯޑާއި، ޕީ.ޓީ.އޭގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމާއެކު، އަމިއްލަ ބައެއް ފަރާތްތަކުގެ އެހީގައިކަމަށް ޣާޒީ ބަންޑާރައިން ސްކޫލުން ވިދާޅުވެއެވެ. ސްކޫލްގެ ޕްރިންސިޕަލް އަލީ މުޙައްމަދު ވިދާޅުވީ، އެ ސްކޫލް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަނީ، ކޮންމެ ކްލާސް ރޫމެއްގައިވެސް ކޮމްޕިއުޓަރ ސިސްޓަމަކާއި ޓީ.ވީ އެއް ބަހައްޓައިގެން ކަމަށެވެ.

ޑިޖިޓަލް ކުރުމުގެ އިތުރުން ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްވެސް އެސްކޫލްގައި ދެއިމާރާތެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 4 ކްލާސް ރޫމުގެ އިމާރާތެއް އަޅުއްވަމުން ގެންދަވާއިރު، މިނިސްޓްރީން ތަކެތި ދެއްވައިގެން އުތީމު ރައްޔިތުންގެ ފަރާތުންވެސް 4 ކްލާސް ރޫމުގެ އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ޣާޒީ ބަންޑާރައިން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ، އަލަށް ހެދޭ ކްލާސް ރޫމްތައް ހަދާ ނިމުމާއެކު މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން މުޅިގެން ފިލައިގެން ދާނެކަމަށެވެ.

އޯލެވެލް ފެންވަރަށް ކިޔަވައިދޭ ޣާޒީ ބަންޑާރައިން ސްކޫލްގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދަރިވަރުންނާއި މުދައްރިސުންނަށްވެސް ތަފާތު ޕްރޮގްރާމްތަކެއް، ކަމާއި ގުޅުން ހުރި ފަރާތްތަކައި ގުޅިގެން ހިންގަވަމުން ގެންދަވާކަން ސްކޫލުން ފާހަގަކުރައްވައެވެ. ޢާޒީ ބަންޑާރައިން ސްކޫލުގެ އަމާޒަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންނުން ކަނޑައަޅުއްވާފައިވާ ގޮތަށް އޯލެވަލް އިމްތިހާނުން 60 އިންސައްތައިގެ ނަތީޖާ އެސްކޫލުގެ ދަރިވަރުން ހޯދުމެވެ.