ދުނިޔެ

ފެބްރުއަރީމަހު ޔަމަނުގައި މަރުވި މީހުންގެ ޢަދަދު ދެގުނަ އިތުރު


ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ފެބްރުއަރީ މަހުގެ ތެރޭގައި މަރުވެފައިވާ މީހުންގެ އަދަދު ޖެނުއަރީ މަހާ އަޅާ ބަލާއިރު ދެ ގުނައަށް އިތުރުވެފައިވާކަމަށް އދ.އިން ބުނެފިއެވެ.

އދ.ގެ ހިޔުމަން ރައިޓްސް އޭޖެންސީއިން ބުނީ، ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ފެބްރުއަރީ މަހު މަރުވެފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ އާންމުންކަމަށެވެ.

އަދި މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ގުޅިފައިވާ ލަޝްކަރުން ދީފައިވާ ވައިގެ ހަމަލާތަކުގައިކަމަށް އެ އިދާރާއިން ބުނެއެވެ.މި ގޮތުން އެކި ހަމަލާތަކުގައި ފެބްރުއަރީ މަހުގެ ތެރޭގައި އާންމުންގެ ސަތޭކަ ފަސްދޮޅަސް ނުވަ މީހުން މަރުވެފައިވާކަމަށާއި، އިތުރު ސަތޭކަ ނުވަދިހަ ތިން މީހަކު ޒަޚަމްވެފައިވާކަމަށް އދ.އިން ބުނެއެވެ.މަރުވެފައިވާ މީހުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މީހުން މަރުވެފައިވަނީ ވައިގެ ހަމަލާތަކުގައިކަމަށް އެ ފަރާތުން ބުނެއެވެ.

މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ ފެބްރުއަރީ މަހުގެ ހަތާވީސްވަނަ ދުވަހު ވެރިރަށް ސަނާގެ މާރުކޭޓަކަށް އަމާޒުކޮށް ދީފައިވާ ވައިގެ ހަމަލާއެއްގައެވެ.

މި ހާދިސާގައި ތިރީސް ނުވަ މީހުން މަރުވެފައިވާއިރު، މީގެ ތެރޭގައި ނުވަ ކުޑަ ކުދިން ހިމެނެއެވެ.

މި ހާދިސާގައި އިތުރު ތިރީސް މީހަކު ޒަޚަމްވިއެވެ.