މުނިފޫހިފިލުވުން

ޝާހުގެ "ޖަވާން" ގެ ރޯލެއް ސަންޔާ އަށް


މިއަހަރު އެންމެ އިންތިޒާކުރާ އެއް ފިލްމު ކަމަށްވާ އެކްޓަރު ޝާހުރުކްހާންގެ ފިލްމު "ޖަވާން" ގެ ރޯލަކަށް ސަންޔާ މަލޯތްރާ ހަމަޖައްސާފައިވާ ކަމަށް އޭނާ ކަށަވަރުކޮށްދީފިއެވެ.

މި ފިލްމުގެ ރޯލެއް ސަންޔާއަށް ހުށަހަޅާފައިވާ ކަމަށް މީގެކުރިންވެސް އަޑު އަރާފައިވާއިރު އޭރު އެކަން ޔަޤީނެއް ނޫނެވެ.

މިކަމާއި ގުޅިގެން ސަންޔާ ބުނީ އޭނާ އަބަދުވެސް ހުރީ ޝާހު އާއިއެކީ ފިލްމެއްގެ މަސައްކަތް ކުރާހިތުންނެވެ. "ޖަވާން" އާއިއެކު އޭނާގެ އެއް ހުވަފެން ހަޤީޤަތަކަށް ވީކަމަށް ސަންޔާ ބުންޏެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ޖަވާން" އަކީ ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާ އެކްޝަން ތުރިލާއެކެވެ. މީގައި ޝާހްރުކް ފެންނާނީ ޑަބަލް ރޯލަކުންނެވެ. އަދި މިއީ ޖެނުއަރީގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ޕަތާން" އަށް ފަހު ރިލީޒްވާ އޭނަގެ ދެވަނަ ފިލްމަށްވާތީ މިއަށް ކުރެވޭ އިންތިޒާރާއި، އުންމީދުތައް ވަރަށް ބޮޑެވެ.

ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ "ޖަވާން" ގެ ކާސްޓްގައި ހިމެނެނީ ބޮލީވުޑާއި ދެކުނުގެ މަސްހުނި ކާސްޓެކެވެ. އެގޮތުން މީގެ ލީޑް ބަތަލާ އަކީ ނަޔަންތަރާ އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ސުނިލް ގްރޯވާ، ސަންޔާ މަލޯތްރާ، ޔޮގީ ބާބޫ، ވިޖޭ ސެތޫޕަތީ، ޕްރިޔަމަނީ އަދި ޓީވީ ބަތަލާ ރިދީ ޑޮގްރާ އާއި އާސްތާ އަގަރްވާލް ހިމެނެ އެވެ. އަދި މީގެ ޚާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯން އާއި ދެކުނުގެ ސުޕަސްޓާރުން ކަމަށްވާ ވިޖޭ އަދި އައްލޫ އަރުޖުން ފެންނާނެއެވެ.