ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެފްރިކާގެ ބައްރުގެ ހަ ޤައުމަކުން މަސައްކަތް ފަށައިފިއެވެ. މި ކަން ހާމަކުރައްވަމުން ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ ވާހަކަތައް ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެފްރިކާގެ ހަ ޤައުމެއްގެ އިސްވެރިން ކުރިއަށް އޮތް ތަނުގައި އެ ދެ ޤައުމަށް ޒިޔާރަތް ކުރައްވާނެ ކަމުގައެވެ.
މި ކަމާ ގުޅޭ މަޝްވަރާތައް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ އެކު ފައްޓަވާފައިވާ ކަމަށާއި، އެފްރިކާގެ ޤައުމުތަކުގެ އިސްވެރިން ހިމެނޭ ވަފުދެއް އެ ދެ ޤައުމަށް ޒިޔާރަތް ކުރުމުގެ ހުއްދަ އެ ދެ ޤައުމުގެ އިސްވެރިން ދެއްވާފައިވާ ކަމުގައި ވެސް ރަމަފޯސާ ވިދާޅުވިއެވެ. ރަމަފޯސާ ވަނީ ފޯނުން ގުޅުއްވައި އެ ދެ ބޭފުޅުންނާ މަޝްވަރާ ކުރައްވާފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ މަސައްކަތުގައި އިސްނަގާފައިވާ އެފްރިކާގެ ހަ ޤައުމަކީ ދެކުނު އެފްރިކާ، ޒެމްބިޔާ، ސެނެގޯލް، ރިޕަބްލިކް އޮފް ކޮންގޯ، ޔުގާންޑާ އަދި މިޞްރެވެ.
"މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަޅުގަނޑު ވާނީ ރައީސް ޕުޓިންއާއި ރައީސް ޒެލެންސްކީއާ ފޯނުން ގުޅައި ވާހަކަ ދައްކާފައި. އެފްރިކާގެ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަން އެ ދެ ބޭފުޅުން ވެސް އެއްބަސްވެވަޑައިގެންނެވި. ސުލްޙައާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން އަޅުގަނޑުމެން ބޭނުން،" ރަމަފޯސާ ވިދާޅުވިއެވެ.
މި ކަމުގެ މަޢުލޫމާތު އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝާއި އެފްރިކާގެ އިއްތިހާދު (އޭ.ޔޫ)ގެ އިސްވެރިންނާ ހިއްސާކޮށްފައިވާ ކަމަށާއި، އެ ފަރާތްތަކުން ވެސް މި ކަމަށް އެއްބާރުލުން ދޭނެ ކަމުގައި ރަމަފޯސާ ވިދާޅުވިއެވެ. ނަމަވެސް، އެފްރިކާގެ ހަ ޤައުމެއްގެ އިސްވެރިން ރަޝިޔާއާއި ޔޫކްރެއިނަށް ވަޑައިގަންނަވާނެ ވަކި ތާރީޚެއް ރަމަފޯސާ އިޢުލާނު ކުރައްވާފައެއް ނުވެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި އެފްރިކާ ބައްރުގެ ފަގީރު ޤައުމުތައް ހިމެނެއެވެ. ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގައި ހައްދާ ގޮވާމުގެ ބާވަތްތައް ބޭރުކުރަން ހުރަސްތަކެއް ކުރިމަތިވުމާ ގުޅިގެން އެފްރިކާގެ ގިނަ ޤައުމުތަކެއްގައި ކާބޯތަކެތި ހުސްވެ، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔައެވެ. އަދި، އެތަކެއް މިލިޔަން މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެ ޤައުމުތަކަށް ދަތިވިއެވެ.
މި ހަނގުރާމައިގައި ވަކި ފަރާތަކަށް ތާޢީދު ކުރަން އެމެރިކާއިން ދަނީ އެފްރިކާގެ ޤައުމުތަކަށް ވެސް ބާރު އަޅަމުންނެވެ. އެފްރިކާގެ ޤައުމުތަކުގެ އިސްވެރިންގެ ވަފުދެއް ރަޝިޔާއާއި ޔޫކްރެއިނަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަން އިޢުލާނުކޮށްފައި މި ވަނީ، ދެކުނު އެފްރިކާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދީފައިވާ ކަމުގެ ތުހުމަތުތަކެއްގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.