ޚަބަރު

"މަތީ އަރުތަވެރިންގެ އިނާމު" 847 ދަރިވަރަކަށް


ޘާނަވީ އިމްތިޙާނުގައި ރަނގަޅު ނަތީޖާ ހޯދާ "މަތީ އަރުތަވެރިންގެ އިނާމު" 847 ދަރިވަރަކު ޙާޞިލްކޮށްފިއެވެ. އިނާމު ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން ބައިވެރިވެވަޑައިގަތެވެ. މިއަހަރަކީ ތާރީޚުގައި ފުރަތަމަ ފަހަރަށް މަތީ އަރުތަވެރިންގެ އިނާމަށް ވާދަކުރުމުގެ ފުރުޞަތު، އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް ލިބި، ރަން ވަނަ ހޯދި އެސްކޫލްގެ ދަރިވަރުންނަށް އިނާމު ދެއްވި ފުރަތަމަ ފަހަރެވެ.

2021-2022 ވަނަ އަހަރުގެ އިނާމަކީ، އެންމެ ގިނަ ދަރިވަރުން މި އިނާމު ޙާޞިލްކުރި ފަހަރެވެ. މިފަހަރުގެ އިނާމު 847 ދަރިވަރުން ޙާޞިލްކޮށްފައިވެއެވެ.

މީގެތެރެއިން 16 ދަރިވަރަކު ވަނީ ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ ލިސްޓުގައި ހިމެނިފައެވެ. އަދި 9 ދަރިވަރުން ވަނީ އެކި މާއްދާތަކުން މުޅި ދުނިޔެއިން ފަޚުރުވެރި 1ވަނަ ހޯދާފައެވެ. އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންނާ ޓްރޮފީ އާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.

މިރަސްމިޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ވުޒާރާތަކާއި މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ އިނާމު ލިބުނު ދަރިވަރުންނަށް ޓްރޮފީ އާއި ލިޔުން ޙަވާލުކޮށްދެއްވައިފައެވެ.

2021-2022ވަނަ ދިރާސީ އަހަރު 6300 ދަރިވަރުން ޘާނަވީ އިމްތިޙާން ހަދާފައިވެއެވެ. މި އިމްތިހާނު ފުރިހަމަކުރި ކުދިންގެ ތެރެއިން %13 ކުދިންވަނީ ގަދަ 10 ގައި ހިމެނިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، މީގެ 40 އަހަރު ކުރިއަށް ބަލާއިރު، ގަދަ 10 ގައި ހިމެނެމުން އައީ ފަންސާހަކަށް ކުދިންކަމަށެވެ. ނަމަވެސް ޒަމާނީ ކިޔެވުމުގެ ނިޒާމާއެކު މިއަދަދު މިއަދު 17 ގުނަ އިތުރުވެއްޖެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިފަހަރުގެ އިމްތިޙާނަކީ އެންމެ ގިނަ ދަރިވަރުން މިހާތަނަށް ގަދަ 10 ގައި ހިމެނުނު ދިރާސީ އަހަރުކަމަށެވެ. މީގެ ސަބަބުތައް ވަރަށް ގިނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތަޢުލީމީ ޚިދުމަތް ތަނގަޅުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް އަލިއަޅުއްވައިލައްވަމުން، ތަޢުލީމީ ދާއިރާގެ މުސާރައަށް ސަރުކާރުން ގެންނެވި ބަދަލާއެކު، ކިޔަވައިދިނުމުގައި ޓީޗަރުންގެ ޝައުގުވެރިކަން ބޮޑުވެ ރަނގަޅު ނަތީޖާއަށް ވާސިލުވުމަށް މަސައްކަތްކުރާ މިންވަރު އިތުރުވެފައިވާ މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސްކޫލްތަކަށް ވަޞީލަތްތައް އިތުރުކުރެއްވުމާއި، ނާސްތާ ޕްރޮގްރާމް ފަދަ ކަންކަމަކީ ކިޔެވުމަށް ކުދިންގެ ޝައުޤިވެރިކަން އިތުރުވި ކަންތައްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އާއްމުންނަށް ހާމަނުވާ އެތައް މަސައްކަތްތަކެއްވެސް ކުރިއަށްދޭ. ރާއްޖެއިން ބޭރުން ތަމްރީންދިނުމާ، ބޭނުންތެރި ކަންކަމާއެކު މަންހަޖުގެ މުޤައްރަރުތައް އައު ކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދޭން ފެށުމަކީވެސް މުހިންމު ބަދަލުތަކެއް." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މި ފަހަރު ދަރިވަރުން ވަނީ ވަކިވަކި މާއްދާތަކުން ވެސް ބޮޑެތި ކުރިއެރުންތައް ހޯދައިފައެވެ. އެގޮތުން ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ފުރަތަމަ ފަހަރަށް، %75އަށްވުރެ ގިނަ ދަރިވަރުން ވަނީ ފާސް ނަތީޖާ ހޯދާފައެވެ. އަދި އަރޓްސް އެންޑް ސައިންސް ސްޓްރީމްގެ މާއްދާތަކުން، %80 ދަރިވަރުން ވަނީ ފާސް ނަތީޖާ ހޯދާފައެވެ.

އަދި މަޖުބޫރު މާއްދާތައްކަމަށްވާ އިސްލާމާއި ދިވެހި އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން %75 ދަރިވަރުން ވަނީ ފާސްވެފައެވެ.

ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު އިތުރުވުމުގެ ސަބަބުން، މިއިނާމު ދިނުން ކުރިއަށްގެންދަވަނީ ދެ ރެއަށް ބައްސަވައިލައްވައިގެންނެވެ.