ޚަބަރު

ސްކޫލްތަކުގެ ރިވިއު އެނަލިސިސް ހައްދަވައި އިތުރުއެހީ ގެންދަވަނީ ފޯރުކޮށްދެމުން: ރައީސް


ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ރާއްޖޭގެ ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހައްދަވައި، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ސްކޫލްތައް ފާހަގަކުރައްވައި އެ ސްކޫލްތަކަށް އިތުރު އެހީތެރިކަން ދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ސާނަވީ އިމްތިޙާނުން ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ދަރިވަރަކަށް ހަމަހަމަ ތަޢުލީމީ ފުރުޞަތު ލިބޭކަން ސަރުކާރުން ކަށަވަރު ކޮށްދެއްވަމުން ގެންދަވާކަމަށެވެ.

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިމްތިޙާނުތަކުގައި ރަނގަޅު ނަތީޖާ ހޯދާައި، އެ ކުއްޖެއްގެ ޤާބިލުކަމާއި އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ އަމާޒު، ކޮންމެ ކުއްޖަކުވެސް ހިފަންޖެހޭކަމަށެވެ. އަދި އެކުއްޖެއްގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް، ޤައުމީ ޚިދުމަތަށް ނިކުތުމަކީ ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިވަގުތު ޤައުމު އޮތް ޙާލަތަށް ވިސްނައި، މާދަމާ ޤައުމު އޮންނަން ބޭނުންވާ ގޮތް، ސިކުނޑިއަށް ތަޞައްވަރުކޮށްދެނީ، އެމީހެއްގެ ކިބައިގައި ހުންނަ ޢިލްމީ ޤާބިލުކަމަކުން ކަމަށެވެ.

ދަރިވަރުންނަށް ފުރިހަމަ ތަޢުލީމެއް ލިބޭ ތަނަކަށް ސްކޫލްތައް ހެއްދެވުމަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އުމްރާނީ ގޮތުންނާއި އިންސާނީ ވަސީލަތް ތަރައްޤީކުރެއްވުމުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ.

އޭގެތެރޭގައި ސްކޫލްތަކުގައި މަސައްކަތް ކުރާނެ ހެލްތު އޮފިސަރުންނާއި، ކައުންސެލަރުން ހަމަކުރެއްވުމުގެ މަސައްކަތްވެސް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ވަސީލަތްތައް ފުރިހަމަކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގިއްޖެ. އެތައް ރަށެއްގައި އިތުރު ކްލާސްރޫމްތަކާއި، މަލްޓިޕަރޕަސް ހޯލްތައް ޢިމާރާތް ކުރެވިއްޖެ. ކޮމްޕިއުޓަރ ލެބްތަކާއި، ސައެންސް ލެބްތައްވެސް ޤާއިމު ކުރެވިއްޖެ. އަދި މިހާރުވެސް މިފަދަ އެތައް މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް އެބަދޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކިޔެވުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހޭ ސްކޫލްތައް ދެނެގަތުމަށް ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ވެސް ހައްދަވައިފައިވާ ކަމަށެވެ. އަދި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ސްކޫލްތައް ފާހަގަކުރައްވައި، އެ ސްކޫލްތަކުގެ ޙާލަތު ރަނގަޅުކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

"ހިންގުމުގެ ދާއިރާއިންނާއި، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް، އިތުރު އެހީތެރިކަން ބޭނުންވާ ސްކޫލުތައް ވެސް މިހާރު ހުރީ ފާހަގަކުރެވިފައި. އެފަދަ ސްކޫލުތަކުގެ މުވައްޒަފުންނަށް، ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި މަޢުލޫމާތު ފޯރުކޮށްދީ ތާޒާކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް އަންނަނީ ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާބާދީ ކުޑަވުމުގެ ސަބަބުން، ކިޔެވުން މެދުކަނޑާލަން މަޖުބޫރުވެފައި ތިބި ސްކޫލްތަކުގެ ދަރިވަރުންނަށްވެސް މިހާރު އަމިއްލަ ރަށުގައި ކިޔެވޭނެ ގޮތް ހަމަޖައްސަވައި ދެއްވިއްޖެ ކަމަށެވެ. މިފަދަ ރަށްރަށުގެ ކުދިން މީގެކުރިން ތަޢުލީމު ހޯދަމުން އައީ، ކަނޑު ދަތުރުކޮށް ކައިރި ރަށްރަށަށް ދަތުރުކޮށްގެންނެވެ.

ރަށުގެ އާބާދީ ކުޑަވުމަކީ އެ ރަށެއްގެ ރައްޔިތުން އަދި ޚާއްޞަކޮށް ދަރިވަރުން، އެފަދަ ނުރައްކާތެރި ތަކުލީފުތަކެއް އުފުލަންޖެހޭނެ ސަބަބެއް ނޫންކަމަށާއި އެހެންކަމުން އެފަދަ ރަށްރަށުގެ ސްކޫލްތަކުގައި، ސެޓަލައިޓް ކްލާސްރޫމްތައް ޤާއިމުކުރައްވައި އެކަން މިހާރު ޙައްލުކޮށްދެއްވިއްޖެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.