ޚަބަރު

ރަޝިޔާގެ ހައިޕަރސޮނިކް މިސައިލްތަކެއް ޔޫކްރެއިނުން ވައްޓާލައިފި


ޔޫކްރެއިންގެ ވެރިރަށް ކީވަށް ޙަމަލާދޭން ރަޝިޔާއިން ބޭނުންކުރި ހައިޕަރސޮނިކް މިސައިލްތަކެއް ޔޫކްރެއިނުން ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން ވައްޓައިލައިފިއެވެ. ޙަމަލާތައް ދިނުމަށް ރަޝިޔާއިން ބޭނުންކޮށްފައި ވަނީ "ކިންޜާލް" މަރުކާގެ ހައިޕަރސޮނިކް މިސައިލްތަކެކެވެ. އެއީ، އަޑަށްވުރެ 5 ގުނައަށްވުރެ ބާރަށް ދަތުރުކުރާ މިސައިލްތަކެކެވެ. ކީވަށް ޙަމަލާދޭން ރަޝިޔާއިން ފޮނުވައިލި ކިންޜާލް މަރުކާގެ ހަ މިސައިލް ވެސް ދިފާޢުކޮށްފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ.

ކިންޜާލް މަރުކާގެ ހައިޕަރސޮނިކް މިސައިލްގެ އިތުރުން ކީވަށް ޙަމަލާދިނުމަށް ރަޝިޔާއިން ވަނީ އެހެން ވައްތަރުތަކުގެ މިސައިލްތައް ވެސް ބޭނުންކޮށްފައެވެ. އޭގެ ތެރޭގައި "ކެލިބަރް" މަރުކާގެ ކްރޫޒް މިސައިލް ވެސް ހިމެނެއެވެ. ކިންޜާލް މަރުކާގެ މިސައިލްތައް ބޭނުންކޮށްގެން ކީވަށް ދިން ޙަމަލާތައް ޔޫކްރެއިނުގެ އަސްކަރިއްޔާއިން ދިފާޢުކޮށް ވައްޓައިލާފައިވާ ކަމަށް އެ ޤައުމުން ބުނި ނަމަވެސް ރަޝިޔާއިން ވަނީ އެ ކަން ދޮގުކޮށްފައެވެ.

ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ލެވްރޮފް ވިދާޅުވީ، ޙަމަލާތަކުގައި ޔޫކްރެއިނުން ބުނާ ޢަދަދަށް ކިންޜާލް މިސައިލް ބޭނުންކޮށްފައި ނުވާނެ ކަމުގައެވެ. އަދި، އެއް މިސައިލް ބޭނުންކޮށްގެން "ޕޭޓްރިއަޓް" މަރުކާގެ ވައިގެ ދިފާޢީ ނިޒާމެއް ނައްތައިލާފައިވާނެ ކަމުގައި ވެސް ރަޝިޔާއިން ބުންޏެވެ. އެއީ، އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ދިފާޢީ ނިޒާމެކެވެ.

ކިންޜާލްއަކީ ރަޝިޔާގެ އަސްކަރިއްޔާއިން ބޭނުންކުރާ އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި އެއް މިސައިލެވެ. އެ މިސައިލްތައް ވައްޓައިލާފައިވާ ކަމަށް ޔޫކްރެއިނުން ބުނާ ބުނުމަކީ ތެދަކަށްވާ ނަމަ، އެއީ ރަޝިޔާގެ އަސްކަރިއްޔާއަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއަކަށް ވާނެއެވެ. ނޭޓޯގެ ޤައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ އެންމެ ފަހުގެ ޒަމާނީ ދިފާޢީ ނިޒާމުތައް އެ ޤައުމުން މިހާރު ބޭނުން ކުރަމުންދާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ރަޝިޔާއިން ބުނާ ގޮތުގައި ކިންޜާލް މަރުކާގެ މިސައިލްތަކަކީ ގަޑިއަކު 11,000 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ މިސައިލްތަކެކެވެ. އަދި، އެ މިސައިލްތައް ވައްޓައިލުމަކީ އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއަށް ކުޅަދާނެ ކަމެއް ނޫން ކަމުގައި ވެސް ރަޝިޔާއިން ދަނީ ބުނަމުންނެވެ. ރަޝިޔާގެ ބަހުން ކިންޜާލްގެ މާނައަކީ ޚަންޖަރެވެ.

ހުސްވި މަހެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ކީވަށް އަށް ފަހަރެއްގެ މަތިން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ރަޝިޔާގެ ޙަމަލާތައް ވަރުގަދަކޮށްފައި މި ވަނީ ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިނުން ވަރުގަދަ އަސްކަރީ ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އެ ކެމްޕޭން ފަށާނެ ވަކި ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

ކިންޜާލް މިސައިލް ބޭނުންކޮށްގެން ރަޝިޔާއިން ކީވަށް ވަރުގަދަ ޙަމަލާތަކެއް ދޭން މަސައްކަތް ކޮށްފައި މި ވަނީ، އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިލާތުގެ ބައެއް ޤައުމުތަކަށް ދަތުރުފުޅެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އެ ދަތުރުފުޅުގައި އޭނާ ވަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތަށް ވަޑައިގަންނަވައި، އެ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެ ޤައުމުތަކުން ވަނީ ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރި ކަން އިތުރުކުރަން ވަޢުދުވެފައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އޭނާގެ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ހަނގުރާމަ ފައްޓަވާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި އެތަކެއް ހާސް ބަޔަކު މަރުވެ، ޒަޚަމުވެފައިވާ ކަމަށް ޔޫކްރެއިނުން ބުނެއެވެ. އަދި، މި ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގެ 8.2 މިލިޔަން މީހުން ވަނީ ރެފިޔުޖީންގެ ގޮތުގައި ވިލާތުގެ ޤައުމުތަކަށް ހިޖުރަކޮށްފައެވެ. އިތުރު 2.8 މިލިޔަން މީހުން ވަނީ ރަޝިޔާއަށް ދަތުރުކޮށްފައެވެ.