މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ ދެވަނަ ޝޯވ މިރޭ ދައްކައިފި


މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ ދެވަނަ ޝޯވގައި ވާދަކުރި 11 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެކަމުދާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރުމުގެ ހުޅުވާލައިފިއެވެ. ބެލުންތެރިންނަށް މި ފުރުސަތު ހުޅުވާލާފައިވަނީ މިރޭ 10:30 ގައި ދެއްކި ގާލާ ރައުންޑުގެ 2 ވަނަ ޝޯވ ފެށުމާއިއެކެެވެ. ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަ ވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ. އެގޮތުން އެސް.އެމް.އެސް ކުރުމުގެ ފުރުސަތު މިރޭގެ ޝޯވދެއްކި ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާ ހަމައަށް ވަނީ ހުޅުވާލާފައެވެ.މިރޭގެ ޝޯވގައި ބައިވެރިން ވަނީ 1980 ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި މަޝްޙޫރުވެގެން ދިޔަ ހިތްގައިމު ރީތި ލަވަތަކެއް ހުށައަޅާދީފައެވެ.  ބެލުންތެރިންގެ ތަރުޙީބު ބޮޑު އަދި ބެލުންތެރިންގެ ވޯޓް، ބޮޑު ދައުރެއް އަދާކުރާ މި މުބާރާތުގެ ގާލާ ރައުންޑްގައި ވަނީ ބެލުންތެރިންނަށް ވޯޓްދެވޭ ވަގުތު އިތުރުކޮށްފައެވެ. ކުރީގެ ޝޯވްތަކުގައި ބެލުންތެރިންނަށް ވޯޓްދިނުމުގެ ފުރުޞަތު ދެމުން އައި ޝޯވ ދައްކަން ފުރަތަމަ ފަށާ ވަގުތުން ފެށިގެން އަނެއްދުވަހުގެ ހެނދުނު ނުވައެއް ޖެހުމާ ހަމައަށެވެ. ހަވީރު ހަތަރެއްޖެހުމާ ހަމައަށް ވަގުތު އިތުރުކޮށްދިނީ، މުބާރާތަށް ބެލުންތެރިންގެ ޝައުޤު އިތުރުވެ، އަދި ވޯޓްދޭންޖެހޭ ވަގުތުތަކުގެ ތެރޭގައި ދަންވަރުގެ ވަގުތު ހިމެނޭތީ ޢާންމު ފަރާތްތަކުން އިތުރު ވަގުތަށް އެދެމުން އައުމާއެކުއެވެ. މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ. މިރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުމަށް ބާއްވާ ޝޯވ، މާދަމާ ރޭ 10:30 ޓީ.ވީ.އެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދިި މިހާރު ތާވަލްކުރެވިފައިވާ ގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ވާދަކުރާ ބައިވެރިންނާއެކު މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުއެވެ.