ކުޅިވަރު

ވާދަވެރި ކުޅުމަކަށްފަހު މެލޭޝިޔާ އަތުން ވޮލީ ޓީމް ބަލިވެއްޖެ


މެލޭޝިޔާ އިންވިޓޭޝަނަލް ވޮލީ މުބާރާތުގައި ވާދަވެރި ކުޅުމަކަށްފަހު މެލޭޝިޔާގެ އެއްވަނަ ޓީމްއަތުން ފަސް ސެޓަށް ގޮސްގެން ރާއްޖެ ބަލިވެއްޖެއެވެ. 

މިމުބާރާތުގައި މިރޭ މެލޭޝިޔާގެ އެއްވަނަ ޓީމްއަތުން ރާއްޖެ ބަލިވެފައިވަނީ 3 ސެޓް 2 ސެޓުންނެވެ. މެލޭޝިޔާގެ ގައުމީ ޓީމްގެ 6 ކުޅުންތެރިން ހިމެނޭ އެމް.ބީ.އެސް.އޭ ޓީމާ ވާދަކުރި މިމެޗްގެ ފުރަތަމަ ސެޓް ކާމިޔާބުކޮށްފައިވަނީ މެލޭޝިޔާގެ ޓީމެވެ. އެއީ 25-22 އިންނެވެ. ޖެހިގެންއައި ދެ ސެޓްވެސް ކާމިޔާބުކޮށްފައިވަނީ ރާއްޖެއިންނެވެ. އެއީ 25-19 އަދި 25-23 އިންނެވެ. މެޗްގެ ހަތަރުވަނަ ސެޓް މެލޭޝިޔާގެ ޓީމް ކާމިޔާބުކޮށްފައިވަނީ 25-23އިންނެވެ. މެޗްގެ ފަހު ސެޓްގެ ކުރީކޮޅުގައި މެލޭޝިޔާގެ ޓީމްވަނީ ފުރަތަމަ ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ފަހު ސެޓްގެ ކުރީކޮޅުގައި ރާއްޖޭގެ ޓީމުންވަނީ ރެފްރީންގެ ބައެއް ނިންމުންތަކާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ޓީމުންވަނީ ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ ޕޮއިންޓަކާ ކައިރިކޮށްފައެވެ. އެއީ 11-10އަށެވެ. ފަހު ސެޓް މެލޭޝިޔާ ޓީމް ގެންދިޔައީ 15-13އިންނެވެ.

 މިމެޗްވެގެންސް ގޮސްފައިވަނީ މިމުބާރާތުގައި ރާއްޖޭގެ ޓީމްގެ ފަރާތުން އެންމެ މޮޅު ކުޅުންފެނިގެންދިޔަ މެޗަށެވެ. ފަސް ސެޓަށް ގޮސްގެން ރާއްޖެ ބަލިވި މެޗަށްފަހު ގައުމީ ވޮލީ ޓީމްގެ ކޯޗް ސުންޓޮން ފޮސީޓާ ބުނީ މެޗްގައި ރާއްޖޭގެ ޓީމް ވަރަށް ހިތްވަރުކުރިކަމަށާއި، ނަމަވެސް ފަހު ސެޓްގައި ރެފްރީގެ ބައެއް ކަހަލަ ނިންމުންތަކާ ގުޅިގެން ކުޅުންތެރިން މެޗަށް ސަމާލުކަން ދޭންވީވަރަށް ނުދެވުނީކަމަށެވެ.

"މެޗްގައި ޓީމްގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަ، ހާއްސަކޮށް މީގެ ކުރީ މެޗްތަކުގައި ދިމާވި މައްސަލަތަށް ރަނގަޅުކޮށް، މިމެޗްގައި މައްސަލަތަށްވަނީ ވަރަށް ބޮޑުތަން ރަނގަޅުކޮށްފަ. މެޗްގެ ފަހު ސެޓްގައި މާގިނަ ޕޮއިންޓް ގެއްލުނީ، ރެފްރީގެ ސަބަބުން ކުޅުންތެރިންގެ ސަމާލުކަން ގެއްލުނީ. އަދި ފަސްވަނަ ސެޓްގައި މާބޮޑު ލީޑެއް މެލޭޝިޔާގެ ޓީމަށް ލިބުނީމަ، މެޗް ނުލިބުނީ." ކޯޗް ބުންޏެވެ.

މިމުބާރާތުގެ ހަތަރުވަނަ މެޗްގައި މާދަމާ ގައުމީ ޓީމް ނިކުންނާނީ ހޮންކޮންގެ ޓީމާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ ގަނޑިން ހެދުނު 6 ޖަހާއިރުއެވެ.