ޚަބަރު

ތޫފާން މޯކާއާއެކު މިޔާންމާއިން މަރުވި މީހުންގެ ޢަދަދު 41 އަށް އަރައިފި


ކެޓެގަރީ ފަހެއްގެ ބާރުގަދަ ތޫފާން މޯކާ މިޔަންމާގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 41 އަށް އަރައިފިއެވެ. ތޫފާން އަރާފައި ވަނީ މިޔަންމާގެ އައްސޭރިފަށުގައިވާ ރާކީން ސްޓޭޓްގެ ސަރަޙައްދުތަކަށެވެ. މި ތޫފާނާ ގުޅިގެން އެ ސަރަޙައްދުގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅޭ ބޫ މާއާއި ޚައުންގް ޑޯކޭ ކަރް ކިޔާ އަވަށްތަކަށެވެ. ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައި ޖެހެމުންދިޔަ ވަޔާ އެކު ސިތްވޭގެ ސަރަޙައްދުތަކަށް ކަރަންޓާއި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ގިނަ ޢަދަދެއްގެ ޓަވަރު ވެއްޓުނެވެ. އަދި، އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ބަނދަރުކޮށްފައިވާ ގިނަ ޢަދަދެއްގެ އޮޑިދޯނިފަހަރު ވަނީ ހަލާކުވެފައެވެ.

ރާކީން ސްޓޭޓްގެ ވެރިރަށް ސިތްވޭގެ ކައިރީގައި އޮންނަ ބޫމާ އަވަށުގެ އިސްވެރިޔާ ކަރްލޯ ވިދާޅުވީ، ތޫފާނާ ގުޅިގެން އެ އަވަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، މި ކާރިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ. ސިތްވޭއަކީ 150,000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ސަރަޙައްދެކެވެ.

ތޫފާނާ އެކު އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ގެދޮރާއި އެހެން ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ގެއްލިފައެވެ. ބައެއް މީހުން ގެއްލިފައި ވަނީ ތޫފާނާ އެކު އައްސޭރިފަށުގެ ސަރަޙައްދުތަކަށް ބޮޑެތި ރާޅުތަކެއް އެރުމާ ގުޅިގެން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އެ މީހުން ހޯދަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މި ތޫފާނާ ގުޅިގެން މަރުވެފައިވާ މީހުންގެ ޢަދަދު 41 އަށް އަރާފައިވާއިރު، މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނާ ގޮތުގައި މަރުވެފައި ވަނީ އެންމެ ފަސް މީހުންނެވެ. ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަކީ މިޔަންމާގެ އަސްކަރީ ސަރުކާރުން އެކަހެރިކޮށްފައިވާ، ދަތި ހާލުގައި ދިރިއުޅޭ ބައެކެވެ. އެ މީހުންނަށް ރައްޔިތުކަން ދީފައި ނުވާއިރު، މިޔަންމާގެ އަސްކަރީ ސަރުކާރުން ވަނީ ޞިއްޙީ ޚިދުމަތާއި އެހެން ޒަރޫރީ ޚިދުމަތްތަކުން އެ މީހުން މަރުހޫމްކޮށްފައެވެ.

ތޫފާން މޯކާއާ ގުޅިގެން މަރުވެފައިވާ ރޮހިންޔާ މުސްލިމުންގެ ފުރިހަމަ ޢަދަދު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އ.ދއިން ބުނެއެވެ. މިޔަންމާގެ ސަރަޙައްދުތަކަށް އެރުމުގެ ކުރިން ތޫފާން މޯކާ ވަނީ ބަންގްލަދޭޝްގެ ސެއިންޓް މާޓިންސް އައިލެންޑަށް ވެސް އަރާފައެވެ. ނަމަވެސް، ތޫފާނާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައި ނުވާ ކަމަށް އެ ޤައުމުން ބުނެއެވެ.

އިންޑިޔާ ކަނޑުގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުތަކަކީ އެތަކެއް މިލިޔަން މީހުން ދިރިއުޅޭ ސަރަޙައްދެކެވެ. އެ ސަރަޙައްދުތަކަށް އަރާ ބާރުގަދަ އަދި ނުރައްކާތެރި ތޫފާންތަކުގެ ޢަދަދު ފަހަކަށް އައިސް އިތުރުވެފައިވާ ކަމުގައި މޫސުން ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. ތޫފާން މޯކާގެ ބާރު ގަދަވެފައި ވަނީ ދުނިޔެ ހޫނުވާ މިންވަރު މައްޗަށް ދިޔުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި މާހިރުން ބުނެއެވެ.