ޚަބަރު

ވެލިންގްޓަންގެ ހޮސްޓެލްއެއްގައި ރޯވެ ހަ މީހުން މަރުވެއްޖެ


ނިއު ޒިލެންޑުގެ ވެރިރަށް ވެލިންގްޓަންގައި ހުންނަ ހޮސްޓެލްއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ހަ މީހުން މަރުވެއްޖެއެވެ. އަލިފާން ރޯވެފައި ވަނީ ވެލިންގްޓަންގެ މެދުތެރޭ ސަރަޙައްދެއްގައި ހުންނަ ލޯފަރސް ލޮޖް ހޮސްޓެލްގައެވެ. އެއީ ހަތަރު ބުރިއަށް ނަގާފައިވާ ޢިމާރާތެކެވެ. މި ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ.

މި ހާދިސާގައި މަރުވި ހަ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ޢިމާރާތުގެ ފުރާޅު ވެއްޓުމާ ގުޅިގެން އެ ތަނުގެ އެންމެ މަތީ ފަންގިފިލާ ބަލައިފާސްކުރުމަށް ވަނީ ހުރަސްއެޅިފައެވެ. އެ ތަނުން އިތުރު މީހުންގެ ހަށިތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބުނެ، މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ.

92 ކޮޓަރި ހުންނަ ހޮސްޓެލްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަ މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭން ޖެހުނެވެ. އަދި، އިތުރު 15 މީހުންނަށް ހޮސްޓެލް ކައިރީގައި ފަރުވާދީފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ 80 އަލިފާން ނިއްވާ މީހުން ކުރި މަސައްކަތުންނެވެ.

އަލިފާން ރޯވުމާ އެކު ހޮސްޓެލްގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެ ތަނުގެ ފުރާޅަށް އަރައި ސަލާމަތް ވާން މަސައްކަތް ކޮށްފައެވެ. ދިގު ހަރުގަނޑުތަކެއް ބޭނުންކޮށްގެން ވެލިންގްޓަންގެ އަލިފާން ނިއްވާ އިދާރާއިން ވަނީ 50 އެއްހާ މީހުން ސަލާމަތް ކޮށްފައެވެ.

މި ހާދިސާ ހިނގާފައިވާ ހޮސްޓެލްއަކީ ވަގުތީ ގޮތުން ވެލިންގްޓަންއަށް ދަތުރުކުރާ މީހުންނާއި، ވަޒީފާ އަދާ ކުރާ ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅޭ ޢިމާރާތެކެވެ. އެ ތަނުގައި އަލިފާން އެލާމް ސިސްޓަމް ހަރުކޮށްފައި ހުރި ނަމަވެސް، އަލިފާން ނިއްވަން ބޭނުންކުރާ ސްޕްރިންކްލަރ ސިސްޓަމް ހަރުކޮށްފައެއް ނުހުރެއެވެ.

ހޮސްޓެލްގައި އަލިފާން ރޯވެފައި ވަނީ ބަޔަކު ގަސްދުގައި ރޯކޮށްލުމުން ކަމަށް ބެލެވޭ ކަމުގައި ނިއުޒިލެންޑުގެ ފަޔަރ އެންޑް އެމަރޖެންސީ އިދާރާއިން ބުނެއެވެ. ނަމަވެސް، ވެލިންގްޓަންގެ ފުލުހުން ބުނީ އެ ކަން ކަށަވަރު ކުރަން އިތުރަށް ތަޙުޤީޤުކުރަން ޖެހޭނެ ކަމުގައެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު ހޮސްޓެލްގައި 90 އަށްވުރެ ގިނަ މީހުން ތިބި ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ނިއު ޒިލެންޑުގެ ބޮޑުވަޒީރު ކްރިސް ހިޕްކިންސް ވަނީ މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި، މިއީ ވަރަށް ހިތާމަވެރި ހާދިސާއެއްގައި ގޮތުގައި ސިފަކުރައްވައި، އޭނާ ވަނީ އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޓީމުތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، އެ ތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުޤީޤެއް ހިންގާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.