ޚަބަރު

ޑައުންސިންޑްރޯމް ދުވަހާއި ގުޅިގެން ރާއްޖޭގައިވެސް ޙަރަކާތްތަކެއް


ކޮންމެ އަހަރަކުވެސް ދުނިޔޭގައި ފާހަގަކުރަމުންދާ ޑައުންސިންޑްރޯމް ދުވަހާއި ގުޅިގެން ރާއްޖޭގައިވެސް ޙަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަނުން ބުނެފިއެވެ.

ޑައުން ސިންޑްރޯމް އަކީ އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. ޑައުންސިންޑްރޯމް ނުވަތަ ޓްރައިސޮމީ 21، އަކީ ކްރޮމޮސޯމްގެ 21 ވަނަ ސެލްގައި އިތުރު ކްރޯމޮސޯމްއެއް އިނުމުގެ ސަބަބުން އުފެދުމުގައި ހުންނަ ނުކުޅެދުންތެރި ކަމެކެވެ. އެހެންކަމުން މިކުދިންގެ ހެދި ބޮޑުވުމަށާއި އުނގެނުމަށް ލަސްކަމެއް ދިމާވެއެވެ.

ޕީއެސްއެމްއަށް ދިން ޚާއްސަ އިންޓަރވިއުއެއްގައި ބިއުޓިފުލް އައިސް އޮފް މޯލްޑިވްސްގެ ޗެއާޕަރސަން ޢާއިޝަތު ޝިފާ ވިދާޅުވީ މިއަހަރު ދުނިޔޭގައި ފާހަގަކުރާ ޑައުންސިންޑްރޯމް ދުވަހާއި ގުޅޭގޮތުން އެ އެސޯސިއޭޝަނުން ގިނަ ޙަރަކާތްތަކެއް ރާވަމުންދާކަމަށެވެ. އެގޮތުން އެންމެ ބޮޑު ޙަރަކާތަކަށް ވެގެންދާނީ މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް "ބަޑީ ވޯކް"ގެ ނަމުގައި ބާއްވާ ހިނގާލުން ކަމަށް ޝިފާ ފާހަގަކުރެއްވިއެވެ.

ބިއުޓިފުލް އައިސް އޮފް މޯލްޑިވްސްއަކީ ޑައުންސިންޑްރޯމް ބަލި ހުންނަ ކުދިންގެ ޙައްޤުގައި، އަދި އެ ބައްޔާއި މެދު އާންމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރުމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މަޤްސަދަކީ މިކުދިންނަށް ބޭނުންވާ ޚާއްސަ ތެރަޕީތައް ދިނުމާއި އެކުދިންނަކީ އެހެންކުދީންނެކޭ އެއްފަދައިން މުޖުތަމަޢަށް ބޭނުންތެރި ބައެއްކަން އަންގާދިނުމެވެ. ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަށް އުފެދުމުގައި ޖެހޭ ހިތުގެ ބަލިތައް ހުންނަކަމަށް ދިރާސާތަކުން ދައްކައެވެ. ދުނިޔެއަށް އުފަންވާ ކޮންމެ 800 ކުދިންގެ ތެރެއިން 1 ކުއްޖަކީ ޑައުން ސިންޑްރޯމް ކުއްޖެއް ކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ.

ކޮންމެ އަހަރަކުވެސް ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މާރޗް މަހުގެ 21 ވަނަ ދުވަހެވެ.