ޚަބަރު

ފްރީ ޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތަކުގެ 3 ވަނަ ބުރު ރާއްޖޭގައި


ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާގުޅޭ މަޝްވަރާތަކުގެ 3 ވަނަ ބުރު މޭމަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސަވައިފިއެވެ. 

ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީން ހާމަކުރެއްވި ގޮތުގައި މަޝްވަރާތަކުގެ 2 ވަނަ ބުރު ޗައިނާގެ ބެއިޖިންގ ގައި މިއަދު ނިންމާލައްވާފައި ވަނީ ކާމިޔާބު ކަމާއެކުގައެވެ. 

މަޝްވަރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފްދުގެ އިސްކޮށް ހުންނަވަނީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. ބެއިޖިންގ ގައި ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފުރާވަޑައިގަންނަވަމުން މިނިސްޓަރ ސަޢީދު ވަނީ، މިއަހަރު ނިމޭއިރު ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކަށައެޅުމަކީ، އަމާޒެއްކަމަށް ވިދާޅުވެފައެވެ. 

ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކަށައެޅުމުން ރާއްޖޭގެ ވިޔަފާރިތަކުން ޗައިނާ މާރކެޓަށް އެކްސްޕޯޓްކުރާ އެކިބާވަތްތައް އެކްސްޕޯރޓް ކުރުމުގައި ލުއި ގޮތްތަކެއް ލިބިގެންދާނެ ކަމަށާއި އަދި ޚާއްޞަކޮށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް އެކްސްޕޯރޓްކޮށް މާރކެޓް ހޯދުމުގައި ފަސޭހަތަކެއް ވެގެންދާނެކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭގޮތުން މަޝްވަރާތައް ރަސްމީކޮށް މިދިޔަ ސެޕްޓެމްބަރު މަހު ފެށުމަށްފަހު ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ރާއްޖޭގައިއެވެ. މި މަޝްވަރާތަކަށްފަހު، ރާއްޖެއާއި ޗައިނާއިން ތައްޔާރުކޮށްފައިވާ ޖޮއިންޓް ފީސިބިލިޓީ ސްޓަޑީސް ދެޤައުމުގެ ސަރުކާރުންވެސް ވަނީ ބަލައިގަނެފައެވެ.

ރާއްޖެއާއި ޗައިނާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ނިންމަވާ، އެކަމަށް ޖޮއިންޓް ޓްރޭޑް ކޮމިޓީއެއް އެކުލަވާލައްވާފައިވަނީ 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިނެވެ.