މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑުގެ ދެވަނަ ޝޯވ މިރޭ


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ގާލާ ރައުންޑުގެ ދެވަނަ ޝޯވ މިރޭ ޓީ.ވީ.އެމުން ދައްކާނެއެވެ. މި ޝޯވ އޮންނާނީ މިރޭ 10:30 ގައެވެ. މިރޭގެ ޝޯވގައި ގާލާ ރައުންޑުގެ ދެވަނަ ޝޯވއަށް ދަތުރުކުރި 11 ބައިވެރިންގެ ހުށައެޅުން ބެލުންތެރިންނަށް ފެނިގެންދާނެއެވެ.ބެލުންތެރިންގެ ތަރުޙީބު ބޮޑު އަދި ބެލުންތެރިންގެ ވޯޓް، ބޮޑު ދައުރެއް އަދާކުރާ މި މުބާރާތުގެ ގާލާ ރައިންޑްގައި ވަނީ ބެލުންތެރިންނަށް ވޯޓްދެވޭ ވަގުތު އިތުރުކޮށްފައެވެ. މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑުގެ ޝޯވތަކާއެކު ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކު ހޮވުމަށް އެސް.އެމް.އެސް ކުރުމަށް މިރޭގެ ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާ ހަމައަށް ފުރުޞަތު އޮންނާނެއެވެ. ކުރީގެ ޝޯވްތަކުގައި ބެލުންތެރިންނަށް ވޯޓްދިނުމުގެ ފުރުޞަތު ދެމުން އައީ ޝޯވް ދައްކަން ފުރަތަމަ ފަށާ ވަގުތުން ފެށިގެން އަނެއްދުވަހުގެ ހެނދުނު ނުވައެއް ޖެހުމާ ހަމައަށެވެ. ނަމަވެސް  ހަވީރު ހަތަރެއްޖެހުމާ ހަމައަށް ވަގުތު އިތުރުކޮށްދިނީ، މުބާރާތަށް ބެލުންތެރިންގެ ޝައުޤު އިތުރުވެ، އަދި ވޯޓްދޭންޖެހޭ ވަގުތުތަކުގެ ތެރޭގައި ދަންވަރުގެ ވަގުތު ހިމެނޭތީ ޢާންމު ފަރާތްތަކުން އިތުރު ވަގުތަށް އެދެމުން އައުމާއެކުއެވެ.ގާލާ ރައުންޑުގެ ފުރަތަމަ ޝޯވ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބާއްވާފައިވާއިރު، އެ ޝޯވގައި ވާދަކުރި ގަދަ 12 ބައިވެރިންގެ ތެރެއިން ދެވަނަ ޝޯވއަށް ނުދެވި ވަކިވާންޖެހުނު ބައިވެރިއަކީ މުހައްމަދު އިފްހާމް އަޝްފާޤެވެ.މިރޭގެ ޝޯވދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުދެވޭނެއެވެ. ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަ ވެގެން ފޮނުވޭނީ 50 އެސް.އެމް.އެސް. ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ. މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް އެޗްޑީކޮށް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.