ޚަބަރު

އިސްރާއީލުން ފަލަސްތީނުގެ 31 މީހުން ޝަހީދުކޮށްލުން ރާއްޖެއިން ކުށްވެރިކުރައްވައިފި


އިސްރާއީލުން ވައިގެ ޙަމާލާތަކެއްގައި ފަލަސްތީނުގެ ކުށެއްނެތް 31 މީހުން ޝަހީދުކޮށްލާ، އެތައް ބަޔަކު ޒަޚަމްކޮށްލައި، މީހުން ދިރިއުޅޭ އެތައް އިމާރާތްތައް ހަލާކުކޮށްލާފައިވާތީ، އިސްރާޢީލުގެ އެ ޢަމަލު ދިވެހި ސަރުކާރުން ވަރަށް ހަރުކަށި ޢިބާރާތުންކުށްވެރިކުރައްވައިފިއެވެ.

ޔަހޫދީ އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ވައިގެ ޙަމަލާ ދެމުންނެވެ. ޢާންމުން ދިރިއުޅޭ ޢިމާރާތްތަކާއި ގެދޮރަށް ބޮން އަޅަމުންނެވެ. މި ޙަމަލާތަކުގައި ކުށެއް ނެތް އެތަކެއް ބަޔެއްގެ ފުރާނަ ނަގައިލާފައިވާއިރު، މި ޙަމަލާތަކުގައި ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވެސް ވަނީ 90އަށްވުރެ މައްޗަށް އުފުލިފައެވެ.

އިސްރާޢީލުގެ އެ ޢަމަލު ކުށްވެރިކުރައްވާ ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވަނީ، އިސްރާއީލު ސިފައިންގެ އެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާއި، އދ.ގެ ސަލާމަތީ މަޖިލީހާއި، ޢާންމު މަޖިލީހުގެ ކަމާބެހޭ ޤަރާރުތަކާ ކަނޑައެޅިގެން ޚިލާފް ޢަމަލުތަކެއްކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ޤާއިމްކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށްވެސް ހީނަރުކަން އަންނަކަން ސަރުކާރުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން އަދި މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށާއި، އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކޮށް، އެއްބާރުލުންދޭނެކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ ފަލަސްޠީނާއި އިސްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވިގެންކަން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަމަށް ސުލްހަވެރި ހައްލެއް ގެކެނޭވީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެންކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.